މާލޭގައި ދަތިކޮށް އުޅެމުންދާ ޒާރާ އާއި އޭނާގެ ކުޑަ ދަރިފުޅު މުސްކާންގެ ދިރިއުޅުމަށް އުފާވެރި ހިނިތުންވުމެއް ގެނެސްދޭން ލިޓަސް މޯލްޑިވްސްއިން ތައްޔާރުވެއްޖެ އެވެ.
ޒާރާ އާއި މުސްކާންގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފައިވަނީ ހަސަން ޒަކީ އެވެ. އޭނާ އެ ވާހަކަ ހިއްސާކުރީ ޒާރާއަށް އެހީތެރިކަމެއް ހޯދުމަށެވެ. މުސްކާން ބޮޑުވަމުން އަންނައިރު ޒާރާގެ ބައިސިކަލްގައި ހުރި ގޮނޑި މިހާރު ވަނީ ކުޑަވެފަ އެވެ. އެ ގޮނޑީގައި މުސްކާން ނުއުފުލުމަށް ފުލުހުން ވެސް އަންގަ އެވެ. އެހެންވެ، ހަސަން ބޭނުން ވަނީ ބިކަ ހާލުގައި އުޅެމުންދާ ޒާރާއަށް ސައިކަލެއް ހޯދުމަށް އާންމުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެ ވާހަކައިން އެތައް ބައެއްގެ ހިތަށް އަސަރުކުރިއިރު ސައިކަލް ނެގުމަށް އެންމެ ގިނަ ބަޔަކު މިހާރު އިހްތިޔާރުކުރާ ލިޓަސްއިން ވަނީ އެ ދެ މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސް ނަގާފަ އެވެ. ލިޓަސްއިން މިއަދު ވަނީ ޒާރާގެ
ވަކީލުންނާ ބައްދަލު ވެސް ކޮށްފަ އެވެ.
ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި ގޮތުގައި ޒާރާގެ ވަކީލުންނާ މިއަދު ބައްދަލުކޮށް އޭނާއަށް ސައިކަލެއް ލިޓަސްއިން ހަދިޔާކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި، ޒާރާއަށް އެހެން ބައެއް އެހީތެރިކަން ވެސް ބޭނުންވާތީ އެ އެހީތެރިކަން ވެސް ދޭން ތައްޔާރަށް ލިޓަސްއިން އޮތް ކަމަށް އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވި ގޮތުގައި ލިޓަސްއިން މާދަމާ ޒާރާއަށް ވެސް ބައްދަލުކޮށް އޭނާއަށް އެންމެ ބޭނުންވާ ކަންކަން ސާފުކުރާނެ
އެވެ.
ޓްވިޓާގައި ހަސަން ބުނެފައިވާ ގޮތުގައި މުސްކާންގެ ބައްޕަގެ ފަަރާތުން އޭނާއަށް މާލީ އެހީތެރިކަމެއް ނުލިބެ އެވެ. ވަޒީފާއިން ލިބޭ އާމްދަނީ ބޮޑު ބައެއް އޭނާ ހޭދަކުރަނީ މުސްކާންގެ ޑޭ ކެއާއަށެވެ. ރާއްޖޭގައި ހުރުމަށް ކޮންމެ އަހަރަކު ވިސާ އާ ކުރުމަށް ވެސް ބޮޑު ހޭދައެއް އޭނާ ކުރެ އެވެ. މުސްކާން ސްކޫލަށް ދާން ފެށުމުން ޒާރާ ހޯދީ ބައިސިކަލެކެވެ. އެކަމަކު އެ ބައިސިކަލްގެ ގޮނޑި މިހާރު މާކުޑަ އެވެ.