ދިރާގުން ޒުވާނުން ވަޒީފާއަށް ނެރުމަށް ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކުންފުނީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޑް މެނޭޖަރު ހިއުމަން ރިސޯސަސް ޑިވްލޮޕްމަންޓް އައިޝަތު ރަޝީދާ ވިދާޅުވީ މިމަހުގެ ދޭކުން 12 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
"މި ޕްރޮގްރާމަށް ކުދިން ނެގުމުގެ މަސައްކަތް ވޯކިން އިންޓަވިއުއެއްގެ ގޮތުގައި ދިރާގު ހެޑް އޮފީހާއި އަތޮޅުތެރޭގައި ހުރި ސެންޓާ ތަކުގައި ކުރިއަށް ދާނެ. މިއީ ހަމައެކަނި މާލޭގައި ތިބެގެން މަސައްކަތް ކުރި އަށް ދާނެ ޕްރޮގްރާމެއް ނޫން. ރަށްރަށުގައި ކުދިން ތިބެގެން ވެސް މަސައްކަތް ކުރެވޭ ގޮތަށް ރާވާލާފައިވާ ޕްރޮގްރާމެއް،" ރަޝީދާ ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަޝީދާ ވިދާޅުވީ މި ޕްރޮގްރާމަށް 30 ކުދިންނަށް ފުރުސަތު ލިބޭއިރު މިހާތަނަށް 168 ކުދިން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.
"މި ޕްރޮގްރާމް ފުރިހަމަ ކުރިން [168] ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އެހެން ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރާ ކުދިން،" ރަޝީދާ ވިދާޅުވި އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ތަފާތު ހުނަރުތައް ދަސްކޮށްދޭ ގޮތަށް ކަމަށެވެ.
"މި ޕްރޮގްރާމުގައި ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ. މީގެތެރޭގައި މާކެޓިން އެންޑް ސޭލްސް އާއި ފައިނޭންސް އަދި ޕްރޮކިއުމެންޓާއި ހިއުމަން ރިސޯސަސްގެ އިތުރުން އިންފޮމޭޝަން ސިސްޓަމްސް ފަދަ ދާއިރާތައް ހިމެނޭ،" ބިޝާރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށް ގެންދާނީ ކޮންމެ ކުއްޖަކަށް ވެސް މެންޓާއެއް ހިމެނޭ ގޮތަށް ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެތިކްސް އާއި ޓައިމް މެނޭޖުމަންޓް ސްކިލްސް އަދި ސީވީ އާއި ވަޒީފާ އަށް އިންޓަވިއު ދިއުމުގައި ބޭނުންކުރާނެ އުކުޅުތައް ދަސްކޮށްދޭނެ ކަމަށް ބިޝާރާ ވިދާޅުވި އެވެ.
"މި ޕްރޮގްރާމަކީ ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމެއް. މިއީ ރަސްމީ ކޯސްތަކާއި ޓްރެއިނިން އަދި ސޮފްޓް ސްކިލްސް ހިމެނޭ ޕްރޮގްރާމެއް،" ބިޝާރާ ވިދާޅުވި އެވެ.
ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މިހާތަނަށް 186 ކުދިން ވަނީ ފުރިހަމަކޮށްފަ އެވެ. އޭލެވަލް ތިން މާއްދާ އިން ފާސްވާ އުމުރުން 18-25 އަހަރުގެ ކޮންމެ ޒުވާނަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.