ހަބަރު

ޕީޕީއެމްގެ ފައިސާ ހިފަހައްޓައި އެހެން ޕާޓީތަކަށް އީސީން ފައިސާދީފި

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް. ފިޔަވާ އެހެން ހުރިހާ ޕާޓީތަކަށް އިލެކްޝަން ކޮމިޝަން، އީސީ އިން ދެވަނަ ބުރުގެ ފައިސާ ދޫކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާތަކުގެ ތެރެއިން ނުދެވިހުރި ފައިސާ ޕާޓީތަކަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕީޕީއެމަށްވީ ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، ޕީޕީއެމަށްވީ ފައިސާ ދޫކޮށްފައިނުވަނީ އެޕާޓީގެ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށްދާތީ ކަމަށާއި އެމައްސަލާއާމެދު ސިވިލް ކޯޓުން ގޮތެއް ނިންމުމުން ފައިސާ ހަވާލުކުރެވޭނެ ކަަމަށެވެ.

ދެވަނަ ބުރުގައި ތިން ޕާޓީއަކަށް އީސީ އިން ފައިސާ ދޫކޮށްފައި ވެއެވެ. އެގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ދެވަނަ ބުރުގައި 5.6 މިލިއަން ރުފިޔާ ދީފައިވާއިރު، ޖުމްހޫރީ ޕާޓީއަށް 1.9 މިލިއަން ރުފިޔާ ދީފައި ވެއެވެ. އަދި އެމްޑީއޭއަށް 1.99 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. ޕީޕީއެމަށް ދެވަނަ ބުރުގައި 8.7 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ.

ރަޖިސްޓާ ކޮށްފައިވާ ސިޔާސީ ހަ ޕާޓީގެ ތެރެއިން 10،000 މެންބަރުން ހަމަވާ ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 24.2 މިލިއަން ރުފިޔާ އެވެ. އެގޮތުން ޕީޕީއެމަށް 11 މިލިއަން ރުފިޔާ ދޭ އިރު އެމްޑީޕީއަށް ވަނީ ހަތް މިލިއަން ރުފިޔާދީފަ އެވެ. އަދި ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ ދީފައިވާއިރު އެމްޑީއޭއަށް 2.7 މިލިއަން ރުފިޔާ ދީފައި ވެއެވެ. ފައިސާ ދީފައިވަނީ މެންބަރުންގެ ނިސްބަތަށް ބަލައިގެންނެވެ.