ދުނިޔެ

ދުންތަރީގައި އޮތް ފިލާއީ "ނިދިން ހޭލައިފި،" ސައިންސްވެރިން އުފަލުން ފޮޅިފައި!

Jun 15, 2015

ދުންތަރިއަކަށް ޖެއްސި ފުރަތަމަ އުޅަނދު، ފިލާއީ "ނިދިން ހޭލައި"، ދުނިޔެއާ އަލުން ގުޅުން ގާއިމްކޮށްފައިވާ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން އިއްޔެ ބުނެފި އެވެ.

ދުންތަރީގެ ހަގީގަތްތައް ދެނެގަތުމަށް ފޮނުވި ފިލާއީ ރޮބަޓް، "67ޕީ"ގެ ނަމުން ނަން ދީފައިވާ ދުންތަރީގައި ޖެއްސުވީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ ރޮބަޓް ގޮވައިގެން އެހާ ހިސާބަށް ދަތުރުކުރި ރޮސެޓާ އުޅަނދުން ނެއްޓި، ދުންތަރީގެ ބިމަށް ޖެއްސިތާ މާ ގިނަ ދުވަހެއް ނުވެ ބެޓެރީގެ ބާރު ގޮސް، އޭގެ މަސައްކަތް ހުއްޓުނެވެ. އެކަމަކު، ނިދާ މޯޑަށް ދިއުމުގެ ކުރިން ދުންތަރީގައި ހޭދަކުރި 60 ގަޑިއިރުގެ ތެރޭގައި ވެސް ފިލާއީ ގެންދިޔައީ ސައިންސްވެރިންގެ އެދުމަށް، ތަހުލީލުތައްކޮށް ދުނިޔެ އަށް ނަތީޖާތައް ފޮނުވަމުންނެވެ.

އީއެސްއޭ އިން އިއްޔެ ބުނި ގޮތުގައި ނިދާ މޯޑަށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް ފިލާއީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ދުނިޔެ އަށް ސިގްނަލް ފޮނުވާފަ އެވެ. އެ ސިގްނަލް 85 ސިކުންތައް ދެމިގެންދިޔަ ކަމަށާއި މިހާރު އިންތިޒާރުކުރަމުން ދަނީ އިތުރު ސިގްނަލެއް ލިބޭނެ އިރަކަށް ކަމަށް އެ އިދާރާ އިން ބުންޏެވެ.

"ފިލާއީ ދަނީ ވަރަށް ރަނގަޅަށް ރަނގަޅަށް މަސައްކަތް ކުރަމުން. ފިނިހޫނުމިން -34 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، 24 ވޮޓްގެ ކަރަންޓު އެބަހުރި،" އީއެސްއޭގެ ބްލޮގުގައި ލިޔެފައިވެ އެވެ.

ފިލާއީއާ އަލުން ގުޅުން ގާއިމްވެފައި ވަނީ ދުންދަތި އިރާ ކައިރި އަށް ދަތުރު ކުރަމުން ދާތީ، ފިލާއީގެ ބެޓަރީ ޗާޖުކުރެވޭ ވަރަށް އަވި ލިބެން ފެށުމުންނެވެ. ފިލާއީ ބަނދަރުކޮށްފައި އޮތް ދުންތަރި މިހާރު ހުރީ އިރާ 205 މިލިއަން ކިލޯމީޓަރު ދުރުގަ އެވެ. އަދި އަންނަ އޮގަސްޓް މަހު އެ ދުންތަރި އިރާ 186 މިލިއަން ކިލޯމީޓަރަށް ކައިރިވާނެ އެވެ.

އެކަން އެ ގޮތަށް ވެދާނެ ކަމަށް ސައިންސްވެރިން ކުރިން ވެސް ބުނެފައި ވިޔަސް، ފިލާއީއާ އަލުން ގުޅުން ގާއިމްކުރެވިދާނެ ކަމާ މެދު މާ ބޮޑު އުއްމީދެއް ނުކުރެ އެވެ. އެކަމަކު، އެންމެ ފަހުން ފިލާއީ އަށް ދިރުން ލިބުމާ އެކު ސައިންސްވެރިން މިހާރު ތިބީ އުފަލުން ފޮޅިފަ އެވެ. އެ މީހުން ތިބީ ވޭތުވެދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ފިލާއީން އެއްކުރި އަގުހުރި މައުލޫމާތު ޑައުންލޯޑްކުރެވޭނެ ވަގުތެއްގެ އިިންތިޒާރުގައި ކެތް މަދުވެފަ އެެވެ.

"ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މި ވަގުތު ތިބީ އުފަލުން ފޮޅިފައި،" އީއެސްއޭގެ ސައިންސްވެރިޔާ މާކް މެކޯރިއަން ބީބީސީ އަށް ވިދާޅުވި އެވެ.

ސައެންސްވެރިންގެ އެ އިންތިޒާރަށް ނިމުން އަންނާނީ، ފިލާއީގެ މުވާސަލާތީ ނިޒާމް ހިންގައި ދުންތަރީގެ އޯބިޓްގައި އޮތް ރޮސެޓާ އުޅަނދަށް ސިގްނަލް ފޮނުވަން ފެށޭވަރު ވުމުންނެވެ. އެކަން ކުރެވޭނީ މަދުވެގެން ފަސް ވޮޓްގެ ކަރަންޓު އުފެއްދޭ ވަރަށް ބެޓެރި ޗާޖުވުމުންނެވެ. އެއާ އެކު، ރޮސެޓާ މެދުވެރިކޮށް ދުނިޔެއާ ހަމައަށް ސިގްނަލް ފޮނުވަން މަދުވެގެން އިތުރު 19 ވޮޓްގެ ކަރަންޓު ފިލާއީން ބޭނުން ކުރަންޖެހޭނެ އެވެ.

ދުންތަރިއެއްގެ ބިމަށް ޖެއްސި ފުރަތަމަ އުޅަނދުގެ ގޮތުގައި ފިލާއީ ތާރީހުގެ ތެރެއަށް ވަދެފައި ވާއިރު، 10 އަހަރުދުވަހުގެ ދަތުރަކަށް ފަހު ދުންތަރި 67ޕީއާ ހިސާބަށް ފިލާއީ ގެންގޮސް ދިން ރޮސެޓާ އުޅަނދު ވެސް ވަނީ އަމިއްލަ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެއީ ދުންތަރިއެއްގެ އޯބިޓްގެ ތެރެއަށް ވަތް އިންސާނުން އުފެއްދި ފުރަތަމަ އެތީގެ ރެކޯޑެވެ.