ޕާޓީ ބަދަލުކުރާ މަޖިލީހުގެ މެންބަރުންނާއި ޕާޓީއިން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލް މިރޭ ފާސްކޮށްފައިވަނީ 37 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލަށް ތާއިދު ނުކުރައްވާ 17 މެންބަރުން ތިއްބެވިއިރު ފަސް މެންބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުން ފެށިގެން އެފަދަ ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެ ނަމަ އެ މީހުންގެ މައްޗައް ވެސް ގާނޫނު ހިނގާނެ ކަމަށެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ.
އެ ހުކުމަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ޕީޕީއެމްއަށް ނިސްބަތްވާ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ. އަދި، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވި ކަމަށް މަޖިލީހުން ނިންމި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައިވަނީ ގާނޫނެއް ފާސްކުރަންޖެހޭ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތީހެވެ. އެކަމާ ގުޅިގެން އިދިކޮޅުން ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެއީ ޒަރޫރީ ހާލަތެއްގެ ދަށުން ކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ ގާނޫނު އުވާލައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް ވިދާޅުވެފައިވެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މިހާތަނަށް ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ އެވެ. ނަމަވެސް މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ އެކަން އަލުން ރިވިއުކޮށް އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފަ އެވެ. އެންޓި ޑިފެކްޝަންގެ އުސޫލު އެންމެ ފުރަތަމަ ވުޖޫދުކުރީ ބަންޑާރަ ނައިބު އެދިގެން ސުޕްރީމް ކޯޓުންނެވެ.