ހަބަރު

މަޖިލީސް ރައީސްކަން ނުލިބުނަސް ކަންބޮޑެއް ނުވޭ: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަަގާމަށް އިންތިހާބު ނުވި ނަމަވެސް ކަންބޮޑެއް ނުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަމުން ފުވަމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާއެކު ހުސްވި މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އަދުރޭއާ ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. އެގޮތުން ގާސިމްއަށް 62 ވޯޓު ލިބުނު އިރު އަދުރޭ އަށް ލިބުނީ 16 ވޯޓެވެ.

އެކަމާ ގުޅިގެން އަބްދުރަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ނުހޮވުމުން އެކަމާ ކަންބޮޑެއް ނުވަތަ މާޔޫސްއެއް ނުވާ ކަމަށެވެ. ގައުމާއި ޕީޕީއެމް އަދި ރައީސް ޔާމީންއަށް ޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށާއި ކޮންމެ ގުރުބާނީއެއް ވާނީ އުފެލެއް ކަމުގައި ދެކޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓު

މަޖިލީހުގެ ރައީސް ކަމަށް ގާސިމް އައްޔަން ކުރަން ހުށަހެޅުއްވީ އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދި އެނަމަ ތާއީދު ކުރެއްވީ އިބޫގެ ނައިބު އަދި ކަށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ.