ދުނިޔެ

ޚާޝުގްޖީ މަރާލީ ސައުދީ ސަރުކާރުގެ އޯޑަރަށް ކަމަށް ތުހުމަތުކޮށްފި

Nov 3, 2018

އިސްޓަންބުލް (ނޮވެމްބަރު 2) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ސައުދީ ސަރުކާރުގެ އިސް ވެރިންގެ އެންގެވުމަށްކަމަށް، ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ތުހުމަތުކުރައްވައިފި އެވެ.

"މިހާރު އަހަރެމެންނަށް އެނގޭ، ނޫސްވެރިޔާ ޚާޝުގްޖީ މަރާލުމަށް އޯޑަރުކުރީ ސައުދީ ސަރުކާރުގެ އެންމެ އިސް އޮފިޝަލުންތަކެއް ކަން،" ވޮޝިންގްޓަން ޕޯސްޓުގައި ލިޔުއްވި އާޓިކަލެއްގައި އުރުދުގާނު ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް، ނޫސްވެރިޔާ މަރާލުމުގައި ސައުދީ ރަސްގެފާނު ސަލްމާންގެ ބައިވެރިވުމެއްނެތްކަމަށް ވެސް އުރުދުގާނު ވިދާޅުވެފައިވެ އެވެ.

ތުރުކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2 ވަނަ ދުވަހު ޚާޝުގްޖީ ވަނުމާ އެކު ކަރުގައި ހިފައިގެން އޭނާ މަރާލާފައިވާ ކަމަށެވެ.

ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމާ އެކު ދުރާލައި ރާވާފައިވާ ޕްލޭނެއްގެ ދަށުން އޭނާ ވަނީ ކަރުގައި ހިފައި މަރާލާފައި ކަމަށެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑު ކޮށާލުމަށް ފަހު، އެސިޑުގައި ހަށިގަނޑުގެ ބައިތައް ނައްތާލާފައިވާކަމަށް، އުރުދުގާނުގެ ވަރަށް އަރިސް ބޭފުޅަކު ވަނީ ވިދާޅުވެފައި އެވެ.

ސައުދީ ޝާހީއާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށްް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާ އާއި ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާއި ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން، 18 ސައުދީ އޮފިޝަލުން ހައްޔަރުކޮށްފައިވާއިރު، ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

ވޮޝިންގްޓަން ޕޯސްޓުގައި ލިޔުއްވި އާޓިކަލްގައި، އުރުދުގާނު އިތުރަށް ވިދާޅުވީ، ޚަޝޫގްޖީ މަރާލުމުގައި ބައިވެރިވި މީހުންގެ ތެރޭގައި މިހާރު ހައްޔަރުކުރެވިފައިވާ 18 މީހުން ހިމެނޭކަމަށެވެ.

"އަހަރެމެންނަށް އިތުރަށް އެނގޭ ކަމަކީ، އެ 18 މީހުން އައީ ބައެއްގެ އޯޑަރަށް ކަން، އެއީ ޚަޝޫގްޖީ މަރާލުމަށްފަހު އެނބުރި ދިޔުމަށް، އެންމެ ފަހު ކަމަކަށް އަހަރެމެންނަށް އެނގޭ ކަމަކީ ޚަޝޫގްޖީ މަރާލަން އޯޑަރު ކުރީ ސައުދީ ސަރުކާރުގެ އެންމެ މަތިން ކަން،" ޚަޝޫގްޖީ ވެސް ކޮލަމް ލިޔުނު ވޮޝިންގްޓަން ޕޯސްޓުގައި އުރުދުގާނު ތުހުމަތު ކުރެއްވި އެވެ.

އަދި އެ ގަތުލުގައި ބައިވެރިވި އިސް މީހުން ހާމަކުރުމަށް ވެސް އުރުދުގާނު ގޮވާލައްވާފައިވެ އެވެ.

އޮކްޓޯބަރު 2 ގައި ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.