ދުނިޔެ

ޑިޔުޓީ ކުޑަކޮށް، ޗައިނާގެ އިގުތިސާދު ދުނިޔެއަށް ހުޅުވާލަނީ

Nov 5, 2018

ޝަންގްހައި (ނޮވެމްބަރު 4) - ޗައިނާއަށް އެތެރެ ކުރާ މުދަލުން ނަގާ ޓެކްސް އިތުރަށް ކުޑަކޮށް، ޗައިނާގެ ބިޔަ އިގުތިސޯދު މުޅި ދުނިޔެއަށް ހުޅުވާލައްވާނެކަމަށް ރައީސް ޝީޖިންޕިން ވައުދުވެވަޑައިގެންފި އެވެ.

ޝަންގްހައިގައި ބޭއްވޭ ޓްރޭޑް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝީޖިންޕިން ވަނީ އެއް ގައުމުން އަނެއް ގައުމާއި މިނިވަންކަމާއެކު ވިޔަފާރި ކުރުމުގެ ދުނިޔޭގެ ނިޒާމަށް ބިރުހީވެފައިވާކަމަށް ވިދާޅުވެ، ނުސީދާކޮށް އެމެރިކާއަށް ފާޑުވިދާޅުވެފައި އެވެ.

އެމެރިކާ އާއި ޗައިނާއިން ދަނީ ބޮޑު ވިޔަފާރީގެ ހަނގުރާމައަކަށް މިސްރާބު ޖަހަމުންނެވެ. އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑު ކުރަމުންދާއިރު، އެކަމުގެ އަސަރު ދުނިޔޭގެ ބާޒާރަށް ވެސް ވަނީ ކޮށްފައި އެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވަމުން، ޝީޖިންޕިން ވިދާޅުވީ އެންމެން ގުޅިގެން އެކުގައި ކުރިއެރުމަކީ އެންމެ ރަނގަޅު މަގުކަމަށް ވިދާޅުވެފައި އެވެ.

ޑިއުޓީ ބޮޑު ކުރުމާއި ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، ޓެކްސް އިތުރުކުރަންޖެހުނީ، ނުހައްގުން ކުރެވޭ މުއާމަލާތްތަކާއި ސިޔާސަތުތައް ބަދަލުކުރަން ޗައިނާ އިން ދެކޮޅު ހަދާފައިވާތީ ކަމަށެވެ.

ޑިޔުޓީ ކުޑަކުރުމުގެ އިތުރުން، ކަސްޓަމްސް ސިޔާސަތުތަކަށް ލުއިތަކެއް ދިނުމުގެ އިތުރުން އިދާރީ ހަރަދުތައް ކުޑަވާނެގޮތަށް ގަވައިދުތައް ހަމަޖެއްސުމަށްވެސް ޝީޖިންޕިން ވަނީ ވައުދުވެވަޑައިގެންފައި އެވެ.

ނަމަވެސް، ޑިޔުޓީ ކުޑަކުރާނެ ވަކި ތާރީހެއް ނުވަތަ އޭގެ މަންފާ ކުރާނެ ގައުމުތަކެއް ޗައިނާގެ ރައީސް ވިދާޅެއްނުވެ އެވެ.