ހަބަރު

އަލަތު ކައިވެނި ކެޓަގަރީއަށް ފޯމުލީ އެންމެންއަށް ފްލެޓު ދީފި

ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން އަލަތު ކައިވެނި ކުރި ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް ފޯމް ހުށަހެޅާ އަދި ޝަރުތު ހަމަވީ އެންމެނަށް ފްލެޓު ދޭން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ފްލެޓު ދިނުމަށް ސަރުކާރުން ކަނޑައެޅި މިންވަރަށް ވުރެ އެ ފްލެޓުތަކަށް ކުރިމަތިލި މީހުންގެ އަދަދު މަދު ކަމަށެވެ. އެހެންކަމުން ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެނަށް ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަލަތު ކައިވެނި ކެޓަގަރީއަށް ފޯމްލި ފަރާތްތަކުގެ ތެރެއިން ވެސް އެއްވެސް ފަރާތެއް އުނިއެއް ނުވާނެ، ޝަރުތު ހަމަވާ ފަރާތްތަކަށް ލިބޭނެ، އެހެންވެ އެޗް 11 އިން 15 އަށް ކުރިމަަތިލި ހުރިހާ އެންމެނަށް ފްލެޓު ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އެއް ކޮޓަރީގެ ފްލެޓު ލިބޭ އަލަތު ކައިވެނީގެ ކެޓަގަރީގެ ވަގުތީ ލިސްޓު ހައުސިން މިނިސްޓްރީ އިން މިހާޜު ވަނީ ގެޒެޓުކޮށްފަ އެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު ހަފްތާއެއްގެ ތެރޭގައި ދާއިމީ ލިސްޓު އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފްލެޓުތައް ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ސަރުކާރުން ނުދޭނެ ކަމަށެވެ. ނަމަވެސް އިހުލާސްތެރިކަމާއެކުކޮށްފައިވާ އެ މަސައްކަތް އާ ސަރުކާރުން ބަލައިގަނެ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ކަމަށް އުންމީދު ކުރައްވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދެނީ ހުޅުމާލޭގައި އަލަށް ހިއްކި ދެވަނަ ފިޔަވަހީގައި ހަދަމުންދާ ފްލެޓުތަކުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުު ޖޫން ނުވަތަ ޖުލައި މަހު ހިސާބުގައި ފްލެޓުތަކުގެ މަސައްކަތް ނިމޭނެ އެވެ.