ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން އިންސްޕެކްޓަރުން ހަރަކާތްތެރިވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވަމުން ދާއިރު އެތާގެ ސެކިއުޓިރީއާ މެދުގައި ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ. މިކަމާ ގުޅޭ ގޮތުން އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެޗްޑީސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެޗްޑީސީގެ އިންސްޕެކްޓާސް ހިޔާ ފްލެޓް ސަރަހައްދުގައި ހަރަކާތްތެރި ވާނެ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ފްލެޓްތައް ހުރި ސަރަހައްދަށް ގިނަ އަދަދެއްގެ އަގު ބޮޑު މުދާ ވަނީ ޖަމާ ކޮށްފަ އެވެ. އަދި އެތައް ބަޔަކު ގެންދަނީ ފްލެޓްތައް ނިންމުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.
ފްލެޓްތަކުގެ ސަރަހައްދަށް މުދާ ޖަމާ ކޮށްފައިވާ ވަގުތެއްގައި ބައެއް މުދާ ވަގަށް ގެންގޮސްގެން ބައެއް މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ ސަރަހައްދުގައި އެއްވެސް ބަޔަކު ސެކިއުރިޓީ ބަލަހައްޓަމުން ނުދާ ކަމަށް ބުނެ ފްލެޓް ލިބުނު ބައެއް މީހުން ގެންދަނީ ޝަކުވާ ވެސް ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ޕެޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ކުރާ ކަމަށެވެ. އަދިފްލެޓް ލިބުނު މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުންގެ ޓީމުތަކުން ދެވަނަ ފިޔަވައްސަށް ގޮސް އަދި ފްލެޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.