ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު އެއްވެސް މީހަކު އެ މީހެއްގެ ފްލެޓް ކުއްޔަށް ދީފިނަމަ އެ ފްލެޓެއް އަތުލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުން އެ މީހުންނަށް ލިބިފައިވާ ފްލެޓް ކުއްޔަށް ދިނުމަށް ފޭސްބުކް ޕޭޖުތަކާއި ބައެއް ވައިބާ ގުރޫޕްތަކުގައި އިޝްތިހާރު ޖަހަން ފަށާފައި ވަނިކޮށެވެ.
ހިޔާ ފްލެޓް ކުއްޔަށް ދޭން އިޝްތިހާރު ކޮށްފައި ވަނީ 10،000 ރުފިޔާ އަށެވެ. ހިޔާ ފްލެޓްތަކުގެ އަސްލު ކުލީގެ އަގަކީ 7500ރ. އެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަވަސް އަށް މިއަދު ވިދާޅުވީ ހިޔާ ފްލެޓަކީ ބޯހިޔާވެހިކަމެއް ނެތް އަދި ބޯހިޔާވަހިކަމަކަށް ކޮންމެހެން ބޭނުންވެފައިވާ ރައްޔިތުންނަށް ދިން ތަނެއް ކަމަށެވެ. އެހެންކަމުން ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދިނުން އެއީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އަކްރަމް ވިދާޅުވީ ފްލެޓްތައް ހަވާލުކުރި އިރުވެސް އެ ފްލެޓްތައް ކުއްޔަށް ނުދެވޭނެ ގޮތަށް އުސޫލެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އެގޮތުން ފްލެޓް ލިބުނު މީހަކަށް ވަރަށް ބޮޑަށް ދަތިވެއްޖެނަމަ އެ ފްލެޓެއްގެ އެއްކޮޓަރި ކުއްޔަށް ދެވިދާނެ ކަމަށެވެ. އަދި ބަލިވެގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ މީހަކަށް އެ ފްލެޓެއް އެއް އަހަރަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ އެޗްޑީސީއާއި ޕްލޭނިން މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
"މިހާރު ފްލެޓްތައް ކުއްޔަށް ދޭން އިޝްތިހާރު ކޮށްފައިވާ ފަރާތްތަކަށް އަންގާނަން އެކަން އެހެން ނުކުރުމަށް. އެ އެންގުމަށް ތަބާނުވެއްޖެނަމަ ފްލެޓް ވަކިކުރުމުގެ އުސޫލުގެ ތެރެއިން އަމަލު ކުރާނަން." އަކްރަމް ވިދާޅުވި އެވެ.
ހިޔާ ފްލެޓް ކުއްޔަށް ދޭން އިޝްތިހާރު ޖެހި މައްސަލާގައި އެޗްޑީސީގެ މީޑިއާ އޮފިޝަލް ވެސް ވިދާޅުވީ ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން ފްލެޓް ކުއްޔަށް ދެވޭނީ ނުވަތަ ވިއްކޭނީ ކަމާގުޅޭ އިދާރާތަކުން ހުއްދަ ހޯދައިގެން ކަމަށެވެ. ފްލެޓް ކުއްޔަށް ދޭ މީހުންނާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ވެސް ބުނެފައިވެ އެވެ.
"މިކަމާ ގުޅިގެން އެއްވެސް ކަމަކަށް ބަދަލެއް ގެންނަ ނަމަވެސް އަދި ފިޔަވަޅެއް އަޅާނަމަވެސް އެކަމެއް ކުރާނީ ކަމާގުޅުންހުރި އިދާރާތަކުގެ ލަފަޔާ އެކުގައި،" އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން އިޖުތިމާއީ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދޫކުރާ ފްލެޓްތަކަކީ ގެދޮރު ނެތް އަދި ކޮންމެހެން ބޯހިޔާވަހި ކަމަކަށް ބޭނުން ޖެހިފައިވާ މީހުނަށް ދޫކުރާ ފްލެޓްތަކެކެވެ.
އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ދޫކުރާ މިފަދަ ފްލެޓްތައް އެގްރިމެންޓާ ހިލާފަށް ކުއްޔަށް ދޫކުރާނަމަ ފްލެޓްތައް އަތުލާނެ ކަމަށް ފްލޭނިން މިނިސްޓްރީން މީގެ ކުރިން ވެސް ހަނދާންކޮށްދީފައިވެ އެވެ.