ހަބަރު

މަޖިލީހުގެ މުވައްޒަފުން ވެސް ކަސްތޮޅުން ނެއްޓިއްޖެ!

ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުން މަޖިލީހުގެ ތެރެއިން ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކަކީ މެންބަރުންނަށްވީ އުނދަގުލާއި، ދައްޗާއި ތުރާލެވެ. މެންބަރުން ދެއްކިހާ ވާހަކައަކީ ވެސް މަޖިލީސް ވެއްޓިފައި އޮތް ދަށު ދަރަޖަ އާއި މެންބަރުން އުޅެން ޖެހޭ ހާލެވެ.

މިދިޔަ ދޮޅު އަހަރެއްހާ ދުވަހު މަޖިލީހުގައި ހިނގި ހުރިހާ ގަޑުބަޑެއްގެ ތެރޭގައި ކެތްތެރި ކަމާއެކު މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ އެއްވެސް އަޑެއް މިހާތަނަކަށް ނީވެ އެވެ. މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު މަގާމުން އިސްތިއުފާ ދިނުމާއެކު، މުވައްޒަފުންގެ އިހުސާސްތައް ވެސް މިވަނީ ބަންޑުންކޮށްލައިފަ އެވެ. ގަވާއިދުތަކާ ހިލާފަށް ކޮންމެ ކަމެއް ހިނގިޔަސް ވަޒީފާގެ ބިރާ ހެދި ހަނު ހުންނަން މަޖުބޫރުވެފައި ތިބި މުވައްޒަފުން މިއަދު ހުރިހާ ކަންބޮޑުވުންތަކެއް އެއްވެސް ޖެހިލުމެއް ނެތި ކިޔައިދެ އެވެ.

މަޖިލިސް އެންމެ ހޫނުވި މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އެ އިދާރާގައި އުޅޭ ބައެއް މުވައްޒަފުން ސިފަ ކުރަނީ މަޖިލީހުގައި ހޭދަ ކުރަން ޖެހުނު "އެންމެ ދަތި" ދުވަސްތަކުގެ ގޮތުގަ އެވެ. މަޖިލީހުގައި މަސައްކަތް ކުރަން ޖެހުމުން ލިބޭ ހިތްހަމަ ޖެހުމާއި މުވައްޒަފުންނަށް ލިބޭ ފަހުރުވެރިކަމުން އެ މީހުން މަހުރޫމްވެގެން ދިޔަ އަހަރުތަކެއްގެ ގޮތުގަ އެވެ.

އެ ވާހަކަތައް ފަށަން ޖެހޭނީ މިހާރު ވެސް މަޖިލީހުގައި އަމަލު ކުރަމުންދާ އުސޫލަކުންނެވެ. އިދާރީ ކޮންމެ މުވައްޒަފެއްގެ ކަރުގައި މަޖިލީހުގެ މުވައްޒަފެއްކަން އަންގައިދޭ ފޮޓޯ ޖެހި ކާޑެއް އޮވެ އެވެ. ނަމަވެސް މަޖިލީހުގެ ދޮރު މަތީ މޭޒެއް ބެހެއްޓުމަށް ފަހު ސެކިއުރިޓީ "ޗެކް ޕޮއިންޓެއް" ހުރެ އެވެ. ސިފައިން ގެންދަނީ ފަހަރަކު މުވައްޒަފަކު ވަދެ ނުކުމެ ހަދާ އިރު، ނޯޓު ކުރަމުންނެވެ. އިދާރީ ކޮންމެ މުވައްޒަފަކަށް ވެސް ނަމްބަރު ކޮޅެއް ދީފައި އޮވެ އެވެ. މަޖިލީހުގެ ދޮރުން ވަންނަ ކޮންމެ ފަހަރަކު އާއި ނިކުންނަ ކޮންމެ ފަހަރަކު ނަމްބަރު ދައްކާ ޗެކިންވެ، ޗެކް އައުޓް ވާން ޖެހެ އެވެ. މިއީ މީގެ ކުރިން އެއްވެސް އިރެއްގައި އަމަލު ކުރި ގޮތެއް ނޫނެވެ.

"އެއްވެސް ގަވައިދަކަށް ބަދަލެއް ނާދޭ، ނަމަވެސް މިހާރު ކަން އޮންނަ ގޮތުން އަޅުގަނޑުމެންނަކީ ކޮން ބައެއް ކަން ވެސް ނޭނގޭ، މަޖިލީހަށް ވަންނަ އާންމު ރައްޔިތަކާ އެއްވަރަށް މުވައްޒަފުން ވެސް މޮނިޓާކޮށް، ސެކިއުރިޓީގައި ޖެހެން ޖެހޭ، އަދި ސައެއް ބޯލަން ނުވަތަ މީހަކަށް އެއްޗެއް ދިއްކޮށްލުމަށް މަޖިލީހުގެ ދޮރުން ބޭރަށް ނިކުމެއްޖިއްޔާ އަލުން ޗެކިން ވާން ޖެހޭ، ވަރަށް އުނދަގޫކޮށް މިހާރު މި އޮންނަނީ،" މަޖިލީހުގެ މުވައްޒަފުކު ބުންޏެވެ.

މަޖިލީހުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ އިރު ނޫސްވެރިންނަށް ވެސް ކުރިން އޮންނަ ފަސޭހަ ކަމެއް މިހާރަކު ނޯވެ އެވެ. ކޮމިޓީ ބައްދަލުވުމަކަށް ދިޔުމަށް މަޖިލީހަށް ގޮސް ވެސް ސެކިރިޓީގެ ހަބަރެއް ނުވެގެން އެތަށް އިރަކު މަޑު ކުރަން ޖެހެ އެވެ. ގަވާއިދުގައި އޮންނަ ގޮތުން ކޮމިޓީ ސިއްރު ނޫން ނަމަ ކޮމިޓީ ކަވަރުކުރަން ނޫސްވެރިންނަށް ވަދެވިދާނެ އެވެ.

އަނެއް ކަންބޮޑުވުމަކީ މިދިޔަ ދުވަސްތަކުގައި މުވައްޒަފުންނަށް އެ މީހުން މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރި ހުރަސްތަކާއި ދަތިތަކެވެ. މަޖިލީހުގެ އިސް މުވައްޒަފަކު އަވަސްއަށް ވިދާޅުވީ ވަކިވަކި ސެކްޝަންތަކުގެ އިސް ވެރިންނަށް މައްސޫލިއްޔަތުތަކެއް ހަވާލުކޮށްފައި ހުރި ނަމަވެސް އެއިން އެއްވެސް ފަރާތަކަށް އެއްވެސް ބާރެއް ނޯވެ އެވެ. ހުރިހާ ކަމެއް ނިންމަވާނީ ސީދާ މަޖިލީހުގެ ރައީސްއާ ހިސާބުންނެވެ. އެންމެ ކުޑަ މިނުން ގެލަރީއަށް ލާން ޖެހޭ ފޮޓޯތައް ވެސް މަތިން ނުނިންމާހާ ހިނދަކު ނުލެވެ އެވެ. އަދި އެ މޭޒުން ޖަވާބެއް ނާންނަ ނަމަ އެ މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓިފައި އޮންނަނީ އެވެ.

"ސެކްޝަންތަކާ ހަވާލުކޮށްފައި ހުންނަ ކަންކަމުގައި ގޮތް ނިންމާނީ އެ ސެކްޝަނެއްގެ ހެޑުން، ނަމަވެސް އަޅުގަނޑަށް އެއްވެސް ކަމެއް ނުކުރެވޭނެ ސީދާ ރައީސްގެ މޭޒުން ނާނގަނީސް، އެންމެ ކުދި ކަންކަމަށް ދަންދެއް ހިފަހައްޓާފައި އޮންނާނީ، ދެން ކުއްލިއަކަށް އަންގާނީ އެކަން ކުރިޔަށް ނުގެންދެވޭނެކަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ވެބްސައިޓަކީ މީގެ ކުރިން ބަރާބަރަށް ފޮޓޯ ގެލަރީތަކާއި މަޖިލީހާ ގުޅޭ ހަބަރުތައް ވަގުތުން ވަގުތަށް އަޕްޑޭޓު ވަމުން އަންނަ ތަނެކެވެ. ޖަލްސާއެއް ނިމޭ އިރު ވޯޓުލީ ގޮތާއި ޖަލްސާގެ ހަބަރު ވަގުތުން ސައިޓަށް އަޕްލޯޑް ކުރެ އެވެ. އޭގެ އިތުރުން މަޖިލީހުގެ ފޭސްބުކް ޕޭޖާއި ޓްވިޓާ އިން ވެސް ބަރާބަރަށް މައުލޫމާތުތައް ދެމުން ގެންދެ އެވެ. ނަމަވެސް އެކަން ވެސް ހުއްޓުވާފައި އޮންނަތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ އާ ވެބްސައިޓެއް ހެދުމަށް 2014 ވަނަ އަހަރުގެ ތެރޭގައި ބިޑުކޮށްގެން ބަޔަކާ ހަވާލު ކުރި އެވެ. އެ މަސައްކަތް އެ މީހުން ކުރަމުން ދަނިކޮށް އެ މަސައްކަތް ވަނީ ހުއްޓުވާފަ އެވެ. މިހާރުގެ ވެބްސައިޓު އޮންނަނީ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމުގެ ސްޓޭންޑަޑާ އެއްވަރަކަށް ނޫނެވެ. އެއަށް ވުރެ އުނދަގޫ އަދި ދަށް ފެންވަރުގަ އެވެ. އެއީ ވެސް މުއވައްޒަފުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އެތެރެއިން ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރި މައްސަލަ އެކެވެ. އެކަންކަން އަމީންއާންމާ ހަމަޔަށް ގެންދެވި ނަމަވެސް އެއްވެސް އެކަށީގެންވާ ޖަވާބެއް ނާންނަ ކަމަށް މުވައްޒަފުން ބުންޏެވެ.

ގިނަ މުވައްޒަފުންގެ އަނެއް ބޮޑު ކަންބޮޑުވުމަކީ ޕްރޮމޯޝަންތަކާއި ކުރިއެރުންތައް ހިފަހައްޓާފައި އޮތް އޮތުމެވެ. މަޖިލީހުގެ އިދާރީ މަސައްކަތުގައި މިހާރު ވެސް ގާނޫނީ ދާއިރާއިން ޑިގްރީ ނެގުމާއި މެނޭޖް މަންޓު ދާއިރާއިން ޑިގްރީ ފެންވަރަށް ކިޔަވާފައި ތިބި މުވައްޒަފުން އެބަތިއްބެވެ. ޕްރޮމޯޝަން ދޭނެ ކަމަށް އެތަށް ފަހަރަކު ބުނެފައިވީ ނަމަވެސް އަދިވެސް އެކަންމެއް ނުކުރެ އެވެ. މި އަހަރު ކުރީ ކޮޅު މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމެވުމަށް ފަހު އަލުން ވަނީ ހުރި މިންވަރަށް ތިރިކޮށްފަ އެވެ.

މަޖިލީހުގައި މީގެ ކުރިން އެޑިއުކޭޝަނަލް ޕްރޮގްރާމުތަކާއި ސްކޫލުތަކުގެ ދަރިވަރުންނަށް މަޖިލީސް ތެރެ ދައްކާލުމަށް ޓުއާތައް ދިނުން ފަދަ ހަރަކާތްތައް އޮވެ އެވެ. މަޖިލީހަކީ މިހާރު ސިފަ ކުރާ ފަދަ ދަށު ދަރަޖައިގެ ތަނެއްގެ ބަދަލުގައި މީހުން ފަހުރުވެރިވާ ފަދަ ތަނަކަށް ހެދުމަށް ގިނަ މަސައްކަތަކެއް ކުރެވިގެން ދިޔަ ތަނެކެވެ. ނަމަވެސް މިދިޔަ އަހަރުތަކަކީ އެފަދަ އެއްވެސް ޕްރޮގްރާމެއް ވެސް ހިންގި އަހަރެއް ނޫން ކަމަށް މުވައްޒަފުން ބުންޏެވެ. އަދި މުވައްޒަފުންނަށް ލިބޭ ޓްރެއިނިން ޕްރޮގްރާމްތަކާއި ބޭރު ގައުމުތަކަށް ލިބޭ ދަތުރުތައް ވެސް ހުއްޓުވާފައި އޮތް ކަމަށް އެ މުވައްޒަފުން ބުނެ އެވެ.

ކޮންމެއަކަސް މިދިޔަ އަންގާރަ ދުވަހު ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ މަޖިލީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފަ އެވެ. މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ހޮވިވަޑައިގަތުމުން އެމަނިކުފާނު ވަނީ އިދާރީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުއާ ހަވާލު ކުރައްވައިފަ އެވެ. އެގޮތުގެ މަތިން އެމަނިކުފާނު ވަނީ މުވައްޒަފުންނާ ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ވާހަކަތައް ވެސް އަޑު އައްސަވައިފަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި މުވައްޒަފުންނަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.