ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޕީޕިއެމްގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ އިސްލާހު ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައި ވަނީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް އެވެ. ހަލީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނުނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ. އެއީ 28 މެއި 2014 ގައި އެކުލަވާލެވުނު ގޮތަށް މަޖިލީހުގައި ހިމެނޭ އިދާރީ ދާއިރާތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދަކީ 85 ކަމުގައި ކަނޑައެޅުމަށެވެ. އަދި ކޮންމެ އިދާރީ ދާއިރާއެއް ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި ޖޮންމެ ދާއިރާއަކުން ނިކުންނަވާނީ އެއް މެންބަރު ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ނ) އުވާލުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާނޭ ގޮތާއި، އެ އިންތިހާބީ ދާއިރާތައް ކަނޑައަޅާ ސަރަހައްދު ކަނޑައެޅޭނެ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. އަދި އިދާރީ ދާއިރާތަކުގެ އާބާދީ އިންތިހާބީ ދާއިރާތަކަށް ބެހުމުގައި ވީ އެންމެ ބޮޑަކަށް ހަމަހަމަ ކުރެވޭނެ އުސޫލެއް ގާނޫނަކުން ކަނޑައަޅަން ޖެހޭނެ ކަމަށް އުވާލަން ހުށަހެޅި މާއްދާގައި ބުނެފައިވެ އެވެ.
މަޖިލީހުގައި ތިއްބަވާނީ 85 މެންބަރުންގެ ގޮތުގައި ކަނޑައެޅުމަށް ބިލެއް މަޖިލީހަށް ވައްދާފައިވާ އިރު އީސީ އިން ވަނީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި މާލެ ސިޓީއަށް ދެ ދާއިރާ އިތުރުކޮށް ޖުމްލަ 87 ދާއިރާއާ އެކު އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް ގެޒެޓުކޮށްފަ އެވެ.
އެ ރިޕޯޓުގައި ވަނީ ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި ހުޅުމާލެ ވަކިކޮށް ހުޅުމާލެ ދާއިރާގެ ނަމަށް ބަދަލު ކޮށްފަ އެވެ. މުޅިން އަލަށް ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޯޅި މެދު ދާއިރާ އެއް ވަނީ އިތުރުކޮށްފ އެވެ.