އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ޕީޕީއެމްއިން ވަކިވެވަޑައިގެން ސަަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
މެމްބަރު އަހުމަދު ރަޝީދު މިއަދު "އަވަސް" އަށް ވިދާޅުވީ، ސިޔާސީ ގޮތުން ރައްޔިތުންނަށް ޙިދުމަތް ކުރެވޭނެ ޕްލެޓްފޯމެއް މިހާރު ސަރުކާރު ހިންގާ ޕީޕީއެމްގައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، މިވަގުތު އިސްދޫ ދާއިރާއަށް ބޭނުންވާ ކަންކަން ކުރެވެން އަންނަނީ އަލަށް އެކުލަވާލާ ސަރުކާރު ހިންގާ ކޯލިޝަނާ ގުޅިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެހެން ކަމުން ކޯލިޝަނާއި ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި، ވަރަށް އަވަހަށް ކޯލިޝަންގައި ހިމެނޭ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެންމެ ބޮޑަށް ގުޅިވަޑައިގަތުން ގާތީ ޖުމްހޫރީޕާޓީއާއި ކަމަށާއި، ސިޔާސީ ގޮތުން ރަނގަޅު މަސައްކަތްތަކެއް ދާއިރާއަށްވެސް ކޮށްދެވޭނެ ވަރުގެ މާހައުލެއް ޖޭޕީގައި އޮތްކަމަށް ދެކެވަަޑައިގަންނަވާކަމަށް މެމްބަރު އަހުމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
މެމްބަރު އަހުމަދު ރަޝީދު އިތުރަށް ވިދާޅުވީ، 2019 ވަަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ މިހާރުވެސް އޭނާ ފުރުއްވަމުން ގެންދަވާ އިސްދޫ ދާއިރާއަށް ކަމަށާއި، އެ ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
މެމްބަރު ގާރީ ޕީޕީއެމް ދޫކުރައްވާ ޖޭޕީއާއި ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ އިރު، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ
ގޮތަށް ފާސް ކުރި އެންޓިޑިފެކްޝަން ގާނޫނު މިއަދު ވަނީ އުވިގެންގޮސްފަ އެވެ. އެ ގާނޫނު އުވިގެން ގޮސްފައިވަނީ އެ ގާނޫނު އުވާލުމަށް މަޖިލީހުން ފާސް ކުރުމުން، ރައީސް ޔާމީން އެބިލް މިއަދު ތަސްދީގު ކުރެއްވުމުންނެވެ.