ހަބަރު

100 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުމުގެ މަސައްކަތް މަޑުޖައްސާލާފައި

ސަރުކާރުން ނަގާ 100 މިލިއަން ޑޮލަރުގެ ބޮންޑުގެ މަސައްކަތް މަޑުޖައްސާލަ، އެއާމެދު ގޮތެއް ނިންމުން އާ ސަރުކާރަށް ދޫކޮށްލާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ 100 މިލިއަން ޑޮލަރުގެ ބޮންޑް ރެއިޒް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް މި ސަރުކާރުން ކޮށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަންތައް ފިނޭންސް މިނިސްޓްރީ އިން މަޑުޖައްސާލާފައިވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމަށް ހަވާލު ކުރަން ބޭނުންވަނީ އާ ސަރުކާރާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"100 މިލިއަންގެ ބޮންޑެއް ރެއިޒް ކުރުމުގެ ހުރިހާ ކަންތައްތަކެއް ނިންމާފައި ވާނީ މިކަންތައްތައް ވެސް އަޅުގަނޑު މަޑުޖައްސާލާފައި ހަވާލު ކުރަން ބޭނުންވަނީ އާ [ފިނޭންސް] މިނިސްޓަރަށް، އާ ސަރުކާރަށް ޑިސިޝަންތަކެއް ނެގުމަށްޓަކައި،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޮންޑު ހަމަޖައްސާފައި ވާނީ ދުބާއީގެ އެމިރޭޓްސް ބެންކުން ކަމަށެވެ. އޭގެ ބޭނުމަކީ ކޭޝްފްލޯ މެނޭޖު ކުރުން ކަމަށާއި އެކަމަށްޓަކައި ދަރަންޏެއް ނަގަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި އާމްދަނީ ޝޯޓްފޯލްވެއްޖެ ނަމަ ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތަކާއި ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ހުއްޓިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިއަހަރަށް ފާސް ކުރި ބަޖެޓުގައި 200-300 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކާނެ ކަމަށް ބުނެފައިވެ އެވެ. ބޮންޑް ވިއްކައިގެން ލިބޭ ފައިސާ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.