ހަބަރު

އެމްޕީއެލް ސީއީއޯ ކަމުން ހަލީމް އިސްތިއުފާދީފި

Nov 15, 2018
4

އެމްޕީއެލްގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމު އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަލީމް އިސްތިއުފާއަށް ހުށަހަޅާފައިވާ ކަމަށާއި އެބޯޑުން އޭނާގެ އިސްތިއުފާ ގަބޫލްކޮށްފައިވާ ކަމަށެވެ. އޭނާ މަގާމުން މިއަދު އިސްތިއުފާދޭން ނިންމާފައިވާ ކަމަށާއި ކުންފުނި ބަލަހައްޓަމުން ގެންދަވާނީ އެސިސްޓެންޓް ސީއީއޯ ރާބިހް މުހައްމަދު ކަމަށް ނިޒާރު ވިދާޅުވި އެވެ.

ހަލީމް އެމްޕީއެލްގެ ސީއީއޯކަމުގެ މަގާމާއި ހަވާލުވީ މިދިޔަ އަހަރުގެ މާޗްމަހުގަ އެވެ. އޭގެ ކުރިން އެމަގާމުގައި ހުންނެވީ މުހައްމަދު ޖުނައިދު އެވެ. ހަލީމް ވަނީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެމްޓީސީސީގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ހަލީމް އިސްތިއުފާ ދެއްވާފައިވާއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓާ އާދިލް މޫސާ ވެސް ވަނީ އިސްތިއުފާ ދެއްވުމަށް ހުށަހަޅާފަ އެވެ. އޭނާ ހުށަހަޅާފައިވަނީ މިއަދު އެމަގާމުން ވަކިވުމަށެވެ. އެކަން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ގަބޫލުކުރައްވާފަ އެވެ.