މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ފުރަތަމަ އަންހެން ޗެއާޕާސަނަކަށް އާމިނަތު ހަމީދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާޕާސަންގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެގޮތުން މިމަގާމަށް އައްޔަންކުރެއްވީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާ އަދި ކުންފުނިތައް ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އާމިނަތު ހަމީދު އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން އާމިނަތު މަގާމަށް އައްޔަންކުރައްވާ އޭނާއަށް އެކަން އަންގަވާ ލިޔުން ހަވާލުކުރީ މިއަދު އެވެ.

މިއީ އެމްޕީއެލްގެ ތާރީހުގައިވެސް އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

އާމިނަތު ހަމީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގައި އެކައުންޓިން އެންޑް ފައިނޭންސް އިން ބެޗްލާސް އޮފް އާޓްސް ހާސިލުކުރައްވާފަ އެވެ. އަދި އޮސްޓްރޭލިއާގެ ޗާލްސް ސްޓުއާޓް ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން -- މާކެޓިންގް އިން މާސްޓާސް ހާސިލުކުރައްވާފަ އެވެ.

އާމިނަތު ހަމީދު ވަނީ ރީޖަނަލް އެއާޕޯޓްސްގެ އެސިސްޓެންޓް އަންޑާ ސެކްރެޓަރީގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރު އަދި ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރައްވާފަ އެވެ.

މީގެ އިތުރުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރުކަންވެސް އޭނާ ކުރައްވާފައިވެ އެވެ.