ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ހެދުމަށް އިހަވަންދޫ ކައުންސިލާ އެކު އެމްޕީއެލް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.
އިހަވަންދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެރަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސަބާހް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އެވެ.
މިރަސްމިއްޔާތުގައި ވަޖީހް ވިދާޅުވީ އިހަވަންދޫ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުުތުރުގައި އެމްޕީއެލް އިން ދޭން ނިންމާފައިވާ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިއްމު ވަސީލަތްތަކަކަށްވާތީ މިމަސައްކަތްތައް ވީހާވެސް އަވަހަށް ފަށާނެ ކަމަށެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް ސަބާހް ވިދާޅުވީ އެ ރަށުގައި ޑޮކްޔާޑާއި ސްލިޕްވޭއެއް ހެދުމަކީ ރަށަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން އިހަވަންދޫގެ ބައެއް މީހުންނަށް ވަޒީފާ ލިބިގެން ދިއުމަކީ ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭ ތަރައްގީކުރަނީ އުތުރު މެރިޓައިމް ސާވިސް (ޔޫއެމްއެސް)ގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށެވެ.
އެމްޕީއެލް އިން މިއަދު ވަނީ ކޮބެލްކޯ ބްރޭންޑް 25 ޓަނުގެ ކްރޭނެއް ވެސް އިހަވަންދޫ ކައުންސިލަށް ހަދިޔާކޮށްފަ އެވެ.
އެމްޕީއެލް އިން ވަނީ ޙޢ. އުލިގަމުގައި އައިއެސްޕީއެސް ގޭޓްވެސް ގާއިމުކޮށްފަ އެވެ. އަދި އެ އަތޮޅު ތުރާކުނުގައި ވޯޓާ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް އެ ރަށު ކައުންސިލާ އެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.