މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ފަލަސްތީނަށް އެހީވުމަށް އެމްޕީއެލް އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީންގެ ޣައްޒާގައިވާ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެެސެންޓް (އެމްއާރްސީ) އިން ހުޅުވާފައިވާ ފަންޑަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އެމްޕީއެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

އެމްޕީއެލް މިއަދު ބުނީ މިއީ އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި އެހީއެއް ކަމަށެވެ.

ފަލަސްތީނަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން ފައިސާ ހަދިޔާކުރުމަށް އެމްޕީއެލް ސަރަހައްދުގައި ވަނީ ފަންޑު ފޮށްޓެއް ވެސް ބަހައްޓާފަ އެވެ.

ފަލަސްތީންގެ ޣައްޒާގައިވާ ރައްޔިތުންނަށް އެހީވުމަށް އެމްއާރްސީ އިން ފަންޑް ހުޅުވީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށް މިހާތަނަށް ވަނީ 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.