ހަބަރު

ހަތަރު ލީޑަރުންނާއެކު އިބޫ، ފައިސަލް އެއް މޭޒަކަށް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކޯލިޝަންގެ ހަތަރު ލީޑަރުން އެއް މޭޒެއްގައި ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި އެވެ. އެ ބޭފުޅުންގެ ބައްދަލު ކުރެއްވުން އޮތީ މެންދުރުފަހު ހޮޓެލް ޖެންގަ އެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއެކު އެ ބައްދަލުވުމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ ފޮޓޯއެއް އާންމު ކުރެއްވުމަށްފަހު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ އެ ކޯލިޝަން އޮންނާނީ ބަދަހިކަމާއި ވަރުގަދަކަމާއެކު ކަމަށެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް ގާސިމް އިބްރާހިމް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވުމުން އިބޫގެ ކެބިނެޓްއާ ގުޅޭ ފަހުގެ މަޝްވަރާތައް ހަތަރު ލީޑަރުން ހިމެނޭ ގޮތަށް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިބޫގެ ކެބިނެޓް އެކުލަވާލަން ހަމަޖެހިފައިވަނީ ޕާޓީތަކަށް ބަހާލައިގެންނެވެ. ޖުމްލަ 19 މިނިސްޓަރުން ކެބިނެޓްގައި ތިއްބަވާއިރު 40 ޕަސެންޓް ދޭނީ އެމްޑީޕީއަށެވެ. ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް ދޭން ނިންމާފައިވާއިރު ރައީސް މައުމޫންއަށް ދެނީ 20 ޕަސެންޓެވެ. އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވަނީ 15 ޕަސެންޓެވެ.

ރިޔާސީ އިންތިހާބަށްފަހު އެންމެ ފުރަތަމަ މިނިވަންވެފައިވަނީ ރައީސް މައުމޫނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން ހައިކޯޓުން މިނިވަންކުރި އެވެ. މިހާރު ވަނީ ޖަލު ހުކުމް ވެސް ބާތިލްކޮށްފަ އެވެ. ގާސިމްގެ ވެސް ކަފާލާތުގެ ދަށުން މިނިވަންކުރުމުން ރާއްޖެ ވަޑައިގެންނެވި އެވެ.

އެ ދެ ބޭފުޅުން އޭގެފަހުން ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ކުރީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުން އިމްރާން މިނިވަން ކުރީ ވެސް އެ ދުވަހު އެވެ. އިމްރާނާއި ރައީސް ނަޝީދު ވަނީ މީގެކުރިން ބައްދަލު ކުރައްވާފަ އެވެ. ގާސިމް ވެސް ވަނީ ރައީސް ނަޝީދާ ބައްދަލު ކުރައްވާފަ އެވެ. ޖަޒީރާ ހޮޅުއަށިގެ ނަމުގައި ބޭއްވި ހަރަކާތުގައި ތިން ބޭފުޅުން އެކުގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް މައުމޫން މިވީ ދުވަސްތަކުގައި ހުންނެވީ ބޭސްފަރުވާއަށް މެލޭޝިއާގަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.