ހަބަރު

މަޖިލީހުގެ 6 ގޮނޑި ހުސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރުން ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދިނުމާއެކު ހަ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ އެވެ.

މަޖިލީހުން މިއަދު އިސްތިއުފާ ދެއްވީ މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލު ކުރެއްވުމަށް ފަހު ރައީސް ކަމުގެ މަގާމަށް ހުވާ މިއަދު ކުރެއްވި އިބްރާހިމް މުހަައްމަދު ސޯލިހު އާއި ކުރިން ކާށިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވުމަށް ފަހު ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ފައިސަލް ނަސީމް އެވެ.

އޭގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް އެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ އާ ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު ކަމަށް ޝާހިދު އައްޔަން ކުރެއްވި އިރު މާރިޔާ އައްޔަން ކުރެއްވީ ޑިފެންސް މިނިސްޓަރު ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރަށް ފައްޔާޒް އައްޔަން ކުރެއްވި އިރު މަހުލޫފް އައްޔަން ކުރެއްވީ ޔޫތު މިނިސްޓްރީ އަށެވެ.

މަޖިލީހުގައި ދާއިރާތައް ތަމްސީލު ކުރެއްވުމަށް 85 މެންބަރުން ތިއްބަވަ އެވެ. ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މަޖިލީހުގެ މެޖޯރިޓީ ވެސް ވަނީ އިދިކޮޅަށް ލިބިފަ އެވެ.