ހަބަރު

ޕީޖީ ބިޝާމްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފި

ޕްރޮސެކިއުޓާ ޖެނަރަލް އާއިޝަތު ބިޝާމް، މަގާމުން އިސްތިއުފާ ދެއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ގޮވާލައިފި އެވެ.

އަބުޅޯ ކުރެއްވި ޓްވީޓެއްގައި ވަނީ، ޕީޖީ ބިޝާމް މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމަން ނިންމި ނިންމުމާއި، އެއާ ވިދިގެން އައި ކަންކަން ހިނގައިދިޔަ ގޮތާ މެދު ހިތްޕުޅާ ނުވެ މަގާމުން އިސްތިއުފާދެއްވަން އެކަމަނާ އުޅުއްވި ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް އެކަމަނާ މަގާމުން އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ.

ޕީޖީ ކަމަށް ބިޝާމް އައްޔަން ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. އެކަމަނާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު އެ މަގާމުން ދުރު ކުރުމުންނެވެ.