މި މަހު ކުރީކޮޅު ރިލީޒް ކުރެވުނު ތަގްސް އޮފް ހިންދުސްތާން އަށް ތަރުހީބު ނުލިބި ބޮކްސް އޮފީހުގެ ޗާޓުތަކުގެ ފުލަށް ސޮއްސާލައިފި އެވެ.
އާމިރް ޚާން ލީޑުން ފެނިގެންދާ ތަގްސް އޮފް ހިންދުސްތާން އަކީ ބޮލީވުޑްގެ މަޝްހޫރު މޫނުތަކެއް ފެނިގެންދާ ފިލްމެކެވެ. އަމީތާބް ބަޗަންގެ އިތުރުން ކެޓްރީނާ ކެއިފް އާއި ފިލްމު ދަންގަލްގެ ލީޑު ސަނާ ޝެއިޚްވެސް މި ފިލްމުން ފެންނާނެ އެވެ. ފިލްމުގެ ޝޫޓިންގ ފެށުނީއްސުރެ ފިލްމު ރިލީޒް ކުރި ތާރީހަށް ފޭނުން ދިޔައީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
ދިހަ ދުވަސް ވީ އިރު އެންމެ 1.5 ކުރޯރު ރުޕީސް ފައިދާއަށް ލިބުނު އިރު، މިއީ މި ފިލްމު އުފެއްދުމަށް ހަރަދުވި އަދަދުން ވަަރަށް މަދު ބައެއް ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެ އެވެ. އިންޑިއާގެ އިތުރުން ބޭރު ގައުމުތަކުގައިވެސް މި ފިލްމަށް ލިބޭ ތަރުހީބު މަދުކަމަށް ބުނެ އެވެ. މި ފިލްމަކީ ބެލުންތެރިން ފޫހި ކުރުވާ ފިލްމެއް ކަމަށާއި، ތިން ގަޑި އިރު ވީ އިރުވެސް ފިލްމުން މާ ބޮޑު ކަންތައްގަނޑެއް ނުހިނގާ ކަމަށް ފިލްމު ރިވިއު ކުރި ބައެއްް މީހުން ބުނެ އެވެ. އަދި ހަމަ އެހެންމެ، މި ފިލްމުގެ ސްކްރިޕްޓު މިއަށްވުރެ ފުރިހަމައަށް ގެނެވިދާނެ ކަމަށާއި ފިލްމު ބަލާހިތްވާނެ ކަހަލަ ގޮތްތަކެއް ހިމެނިދާނެކަމަށް ގިނަ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައިވެސް އެ މީހުންގެ ޝުޢޫރުތައް ފާޅުކޮށްފަ އެވެ.
ކަނޑުފޭރޭ މީހުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމަކީ ބްލޮކް ބަސްޓާ ފިލްމްސްތައް އުފައްދަމުންދާ ޔަޝް ރާޖް ފިލްމްސް ގެ އުފެއްދުމަކަށްވާއިރު، ބޮލީވުޑްގެ ރަން ދެ ތަރިން، އަމީތާބް ބަޗަން އާއި އާމިރް ޚާން އެއް ފިލުމަކުން ފެނިގެންދިޔަ މިއީ ފުރަތަމަ ފަހަރު އެވެ.