އައިޝަތު ބިޝާމް

ޕީޖީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ޕްރޮސިކިއުޓާ ޖެނެރަލް، ޕީޖީ އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ އަހުމަދެވެ.

ޕީޖީގެ އިތުބާރު ނެތް ކަމަށް އޭނާ މަޖިލީހަށް ހުށަޙެޅުއްވި މައްސަލައިގައި ފަސް ސަބަބެއް ވަނީ ބަޔާންކޮށްފަ އެވެ. މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮތީ، ނިމިދިޔަ ސަރުކާރުގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާއި އުފުލުނު ދައުވާތަކުގައި ޕީޖީގެ ބޮޑެތި އިހުމާލުތަކެއް ހުރުމާއި އެކަށީގެންވާ
ވަރަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ސަބަބުތައް:

1- ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ހައްޔަރުކުރިއިރު، އެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަމަކީ ކޮބައިތޯއާއި، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރައްވާފައިނުވުމާއި، ފުލުހުންގެ އިދާރާއިން އެދޭކޮންމެކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން އަމަލުކުރައްވާފައިވުން.

2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމާނުލައި ބަންދުކޮށްފައި ބެހެއްޓިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތާ ހިލާފުކަމެއްކަމަށްވާއިރުވެސް، އެކަން ބައްލަވައި، އެ އިޖުރާއަތަށް އަމަލުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އެ ހިނދުން އެހިނދަށް އަންގަވާފައިނުވުމުގެ އިތުރަށް، އެ މެންބަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާއިރު، އެކަން ރަނގަޅުކުރެއްވުމަށް އެއްވެސް މަސައްކަތެއް ގާނޫނީމަގުން ނުވަތަ ޝަރުއީމަގުން ނަމަވެސް ކުރައްވާފައިނުވުން.

3. ޖިނާއީ ކުށްކުށުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ހުއްޓުވާފައިނުވުމާއި، އެކަމުން މަނާވެގެންފައިނުވުން.

4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ހިނގަމުންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި ގާނޫނާއެއްގޮތަށް އެކަންކުރުމަށް ބާރުއަޅުއްވާފައިނުވުން.

5. ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް އޭނާގެ ޙާޟިރުގައި ޝަރީއަތްކުރެވުމުގެ ހައްޤު ލިބިދީފައިވާއިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް ޣައިރު ޙާޟިރުގައި ހުކުމް ކުރެވިގެންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި އެކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިނުވުން.

އަބްދުﷲ ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ، ޕްރޮސިކިއުޓާ ޖެނެރަލް، ބިޝާމްގެ އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން އެކި މައްސަލަތަކުގައި ދައުވާކޮށް، މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރެއްވުމެއްނެތި، ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި، އެކިފަރާތްތަކުގެ މައްޗަށް އުފުލުނު ތުހުމަތުތަކާއި ދައުވާތަކުގެ ސަބަބުން، ޖިނާއީ ކުށެއް ސާބިތުވުމެއްނެތި، ޖަލަށް ދާންނުޖެހޭ ނުވަތަ ބަންދުގައި ތިބެންނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހިފައިވާ ކަމަށެވެ.

އެ މައްސަލަ މެންބަރު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވީ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 178 ވަނަ މާއްދާގެ ދަށުން އެވެ. އަބްދުﷲ މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިރު އޭނާ ރޭވަނީ ބިޝާމް މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި އިސްތިއުފާ ނުދޭ ނަމަ، ޕީޖީގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވާނެ ކަމަށް ވެސް އޭނާ ރޭ ވަނީ ވިދާޅުވެފަ އެވެ.