އައިޝަތު ބިޝާމް

ޖަވާބުދާރީވާން ބިޝާމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ފާސްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ ނޯޓިސްއެއް އޭނާއަށް ފޮނުވަން އެ ކޮމިޓީން ފާސްކޮށްފި އެވެ.

ޕީޖީ ބިޝާމް އަށް ޖަވާބުދާރީވާން ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފާސްކުރީ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީގައި އިންނަވާ ކ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ ވޯޓެއް ނުދެއްވަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޖީ ބިޝާމް ވަކި ކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަން ޖުޑިޝަރީ ކޮމިޓީއަށް ދެ ފަހަރެއްގެ މަތިން ހުށަހެޅި އެ ދެ ފަހަރު ވެސް ފާސްކުރި އެވެ.

ނަމަވެސް އެންމެ ފުރަތަމަ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވައިގެން އެ ކަން ކުރިއަށް ގެންދަން ފާސްކުރި ނިންމުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ. ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހަޅުއްވައިގެން އެ ނިންމުން ބާތިލް ކުރަން ކޮމިޓީން ފާސްކުރީ އެމްޑީޕީގެ އުސޫލަކާ ހިލާފަށް ހުށަހެޅުއްވީ ކަމަށް ވިދާޅުވެފަ އެވެ.

ޕީޖީ ބިޝާމް ވަކި ކުރުމުގެ އިޖުރާއަތްތައް ފެށުމަށް ދެވަނަ ފަހަރަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރް އެވެ. އެ ހުށަހެޅުއްވުން ފާސްކޮށް އެ ކަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރެއްވުމަށް ރިޔާސަތުގެ ސަމާލު ކަމަށް ހަމަ އެ ދުވަހު އެ ކަން ގެންދިޔަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ އިޖުރާއަތްތައް ކުރިއަށް ގެންދަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެއީ މުއައްސަސާއެއްގެ މެންބަރަކު ވަކި ކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަން މަޖިލީހުގެ ގަވާއިދުގައި އަމަލު ކުރަން މިހާރު އޮންނަ ގޮތެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕީޖީއަށް އެކަށޭނަ ފިޔަވަޅު އެޅިފައި ނެތުމަކީ އޭނާ މަގާމުގެ ގާބިލް ކަން ނެތުން ކަމަށެވެ. އެހެންކަމުން ވަކި ކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަން ގިނަ މެންބަރުން ގަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ޕީޖީ މަގާމުން ވަކި ކުރެވޭނީ އެ މަގާމާ އެކަށީގެން ނުވާ ކަމެއް ކުރި ކަމަށް ނުވަތަ މަގާމު އަދާކުރަން އުޒުވެރިވާ ހާލަތެއް މެދުވެރިވެގެން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަން ގާބިލް ކަން ނެތް ހާލަތަކަށް ދިއުމުންނެވެ.

އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. އެހެން ވިޔަސް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ. އަދި ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ހުއްޓުވާފައިވަނީ ރައީސް ނަޝީދު އަޑީގައި ހުރެގެން ކަމަށްވެސް ބައެއް މެންބަރުން ތުހުމަތު ކުރެއެވެ.

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރުގައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ދައުވާ އުފުލުމާ ގުޅިގެން، އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރި އެއް ބޭފުޅަކީ ވެސް ޕީޖީ ބިޝާމެވެ.