އައިޝަތު ބިޝާމް

ޕީޖީ ބިޝާމް ވަކި ކުރާ މައްސަލަ ކޮމިޓީން ފޮނުވައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފަށަން އެ މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޖީ ބިޝާމް ވަކި ކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަން ޖުޑިޝަރީ ކޮމިޓީން ދެ ފަހަރެއްގެ މަތިން ފާސް ކުރި އެވެ. އެންމެ ފުރަތަމަ ޖުޑިޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވައިގެން އެ ކަން ކުރިއަށް ގެންދަން ފާސްކުރި ނަމަވެސް އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ހުށަހެޅުއްވީ ކަމަށް ވިދާޅުވެ އެ ނިންމުން ޖުޑިޝަރީ ކޮމިޓީން ފަހުން ބާތިލް ކުރި އެވެ.

ޕީޖީ ބިޝާމް ވަކި ކުރުމުގެ އިޖުރާއަތްތައް ފެށުމަށް ދެވަނަ ފަހަރަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރް އެވެ. އެ ހުށަހެޅުއްވުން ފާސްކޮށް އެ ކަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރެއްވުމަށް ރިޔާސަތުގެ ސަމާލު ކަމަށް އެ ކަން ގެންދިޔަ އެވެ.

މަޖިލީހުގެ ގަވައިދު މިހާރު އޮތް ގޮތުން ކޮމިޓީގެ އެ ނިންމުން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރަން ޖެހޭނެ އެވެ. އެއަށްފަހު އަނެއްކާވެސް މައްސަލަ ކޮމިޓީއަށް ދާނެ އެވެ. ކޮމިޓީ ދިރާސާ ކުރުމަށްފަހު ޕީޖީ ވަކި ކުރުމާމެދު ގޮތެއް ނިންމާނެ އެވެ. އަދި ވަކި ގޮތެއް ފާސް ކުރުމަށް މައްސަލަ ތަޅުމަށް ފޮނުވާނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަރުތަކާއި ކޮރަޕްޝަނާއި ޓެރަރިޒަމް ފަދަ މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ވެސް އެކަށީގެންވާ ފިޔަވަޅެއް ޕީޖީއަށް އެޅިފައި ނުވާ ކަމަށް މެންބަރުން ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ޕީޖީ ވަކިކުރުމުގެ މައްސަލަ ބެލުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން އެމަނިކުފާނު ނިންމެވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ޕީޖީ މަގާމުން ވަކި ކުރެވޭނީ އެ މަގާމާ އެކަށީގެން ނުވާ ކަމެއް ކުރި ކަމަށް ނުވަތަ މަގާމު އަދާ ކުރަން އުޒުވެރިވާ ހާލަތެއް މެދުވެރިވެގެން ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަން ގާބިލް ކަން ނެތް ހާލަތަކަށް ދިއުމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ބޮޑެތި ޖިނާއީ މައްސަލަތަކުގައި ފިޔަވަޅު ނޭޅި އޮތުމަކީ ގާބިލް ކަން ނެތް ކަމެވެ.

އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. އެހެން ވިޔަސް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރުގައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ދައުވާ އުފުލުމާ ގުޅިގެން، އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރި އެއް ބޭފުޅަކީ ވެސް ޕީޖީ ބިޝާމެވެ.