ރައްޔިތުންގެ މަޖިލިސް

ޒަމީލުގެ މައްޗަށް ދައުވާކޮށްދޭން އެދުުނީ މަޖިލީހުގެ ގަދަރު ހިފެހެއްޓުމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއިކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވީ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ޖަމީލްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށައެޅި މައްސަލަ ތަފްސީލުކޮށްދީ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު މަޖިލީހާއި ކޮމެޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވެ އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހޯދުމަށް ހުށައެޅުމަށް އެންގުމުގެ ބާރުވެސް ލިބިގެންވާ ކަމަށެވެ.

ނަމަވެސް މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން 241 ކޮމެޓީން ކުރިއަށް ގެންދާ ޕާލިމަންޓަރީ އިންކުއަރީއަށް ހާޒިރުވުމަށް އެމްއެންޑީއެފްގެ އެކި އޮފިސަރުންނަށް މަޖިލީހުގެ އިދާރާއިން އަންގާފައިވަނިކޮށް މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވާ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޖަމީލް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ހާޒިރުވުމަށް އަންގާފައިވާ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީޕް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާ ގޮތުގެ މަތިން ގައުމީ ދިފާއީ ބާރުން ކަމަށް އަންގާފައިވާތީ އެކަމަކީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާ އާއި 239 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފަޔާވެސް ހިލާފު ނިންމުމެއް ކަމަށެވެ.

އެމްއެންޑީއެފްގެ އެ އެންގުމަކީ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަން ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށާ އަދި ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށްވުމުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމުގެ ގޮތުން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށް ދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުން ބުނީ މި މައްސަލައާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން އެ މައްސަލަ ބެލުމަށްޓަކައި މައްސަލަ ކޮމެޓީއަށްވެސް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހަށް އެމްއެންޑީއެފުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ ކަމަށެވެ. ސިފައިންގެ ގާނޫނީ ޒިންމާ އަދާ ކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ގައުމީ ސަލާމަތަށް ފޫ ނުބެދޭވަރުގެ ނުރައްކާ ކުރިމަތި ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެކެވެ. ޑިފެންސުން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދު ބުނެ އެވެ.

ޑިފެންސުން ދެކޭ ގޮތުގައި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދާ ނަމަ އެ މައުލޫމާތެއް ސިފައިން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.