ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެން އެއްބައިކޮށް ދިނީ ކުޅިވަރު، އެ ފޯރި ދަމަހައްޓާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގާމާ ހަވާލުވެ، 24 ގަޑިއިރު ނުވަނީސް އެމަނިކުފާން އެންމެ ފުރަތަމަ ނިކުމެ ވަޑައިގެންނެވީ، ދިވެހި ކުޅިވަރު އާއިލާ އެކު އެވެ. އެ މަނިކުފާން ހުވާ ކުރެއްވުމާ ގުޅިގެން ބޭއްވި 'ދުޅަހެޔޮ ހަށިހެޔޮ' ކުޅިވަރު އީދުގައި ބައިވެރިވެ ވަޑައިގެން ރައީސް ސޯލިހް ވަނީ ސީދާ ގޮތުން ކުޅިވަރު ކުޅުއްވާފަ އެވެ. އެގޮތުން ވޮލީ އާއި ޓެނިސް އަދި ޗެސް އާއި ބިލިއަޑް އަދި ކެރަމްގެ އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މޫދު ކުޅިވަރުތަކުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި ބާސެކްޓާއި ބެޑްމިންޓަން އަދި ޓެނިސް ވެސް ކުޅުއްވި އެވެ. 'ދުޅަހެޔޮ ހަށިހެޔޮ' ކުޅިވަރު އީދު ނިންމާލުމުގެ ގޮތުން ބޭއްވި އެންމެ ފަހު ފުޓްބޯޅަ އިވެންޓުން ފެނިގެން ދިޔައީ، ރާއްޖޭގެ އެކި ފަންތީގެ ލެވަލުތަކުގެ ފަރާތްތަކެވެ. ފުޓްބޯޅައިގެ އެކި ޖީލްތަކުގެ ކުޅުންތެރިން ފެނިގެން ދިޔަ އެވެ.

މި އިވެންޓް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ ކޯޗް މައުރޫފް އަހްމަދު 'މާއްޓޭ' ބުނީ، މި ކުޅިވަރުގެ އީދަކީ ރާއްޖޭގެ ފުޓްބޯޅަ އާއި ކުރިވަރު އަލުން ދިރުވަން ސަރުކާރުން އިސްކަން ދެއްވާ ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ.

ގުރީން ސުޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނީ، މިހާރުގެ ޒުވާން ކުޅުންތެރިންނަށް ކުރީގެ ކުޅުންތެރިންގެ ފަރާތުން މި އިވެންޓް މެދުވެރިކޮށް ވަރަށް ބޮޑު އިންސްޕަރޭޝަނަކަށް ވެގެންދާނެ ކަމަށެވެ. ދުޅަހެޔޮ ހަށި ހެޔޮ ކުޅިވަރު އީދު އިންތިޒާމު ކުރާ ކޮމިޓީގެ ޗެއާ އަލީ ނިޔާޒު ވިދާޅުވީ، ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު އީދު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ކަމަށެވެ.

ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކޯޗް އަހްމަދު ސަލީމް 'ބޮޑުހީނާ' ވިދާޅުވީ، ވާދަވެރިކަމަށް ވުރެ ބޮޑަށް އިވެންޓްގެ ބޭނުމަކީ އެކަކު އަނެކަކެއްގެ މޫނު ފެނިލާ އެކުވެރިކަން ބަދަހި ކޮށްލުން ކަމަށެވެ.

ކުޅިވަރު އީދު ރަސްމީކޮށް ފެށިގެން ދިޔައީ ގައުމީ ސަލާމުންނެވެ. އެންމެ ފުރަތަމަ މެޗުގައި ވާދަ ކުރީ، ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެއީ ރާއްޖޭގެ ސީނިއާ ޓީމުން މާދަމާ ފެންނާނެ ކުޅުންތެރިންނެވެ. ފަނަރަ މިނެޓް ވަންދެން ކުޅެވިގެން ދިޔަ ރަތް ޓީމާއި ފެހި ޓީމު ވާދަ ކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެމެޗުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގައި ކުރިމަގުގެ ފުޓްބޯޅައިގެ ހުނަރު އޮތްކަން ދައްކާލުމެވެ. ރީތިކޮށް ޕާސް ޖަހައިގެން ތިރިން ބޯޅަ ކުޅެމުން ދިޔަ މަންޒަރު ފެނިގެން ދިޔަ އެވެ.

މެޗާ ބެހޭގޮތުން، 15 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދު 'ފަރިއްޓޭ' ބުނީ، އަންނަ އަހަރު އޮންނަ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތަށް ދާއިރު މި ޓީމުގެ ހުނަރު އޮތްކަން އެނގިގެން ދާ ކަމަށެވެ. ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު ބުނީ، މާލޭގައި ގަލޮޅު ދަނޑުގައި މެޗެއް ކުޅެލަން އެ ޓީމުގެ ކުޅުންތެރިންނަށް ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންވެ ގިނަ ބައެއް ކުރިމަތީގައި މެޗެއް ކުޅެން ފުރުސަތު ލިބުމަކީ އެ ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.

ދެ ވަނަ މެޗުގައި ވާދަ ކުރީ، ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމާއި، ސީނިއާ އަންހެން ޓީމު އެއްކޮށްލުމަށް ފަހު ދެ ގުރޫޕަކަށް ބަހާލައިގެން ކުޅުނު މެޗެވެ. ފަނަރަ މިނެޓް ވަންދެން ކުޅުނު އެމެޗު ނިމިގެން ދިޔައީވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އަންހެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އާފިއު މުހައްމަދު ހަމީދު ބުނީ، ރާއްޖޭގެ އަންހެން ފުޓްބޯޅައިގައި މިހާރު ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ކަމަށެވެ. ރާއްޖޭގެ ޒުވާން އަންހެން ޓީމަށް ޒުވާން ކުޅުންތެރިން ގެނެސް މުޅި ޓީމު ޒުވާން ޓީމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. ގައުމީ އަންހެން ޓީމުގެ ދެ ވަނަ އެސިސްޓެންޓް ކޯޗް އިސްމާއީލް އަނިލް ބުނީ، ރާއްޖޭގެ ދަނޑުގައި ހުނަރު ދައްކާލުމުގެ ފުރުސަތު އަންހެން ޓީމަށް ލިބިގެން ނުދާ ކަމަށާއި ޓީމުގެ ކުރިއެރުމަށް ޓަކައި މިފަދަ އިތުރު ފުރުސަތުތައް ލިބެން ޖެހޭ ކަމަށެވެ.

އަންހެން މެޗަށް ފަހު ދެން ކުޅެވިގެން ދިޔައީ، ވެޓަރަންސް މެޗެވެ. ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރި ގައުމީ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ރަތް ޓީމުގެ މައްޗަށް ކުރި ހޯދީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި މިހާރުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދު ރަހީމް ކެޕްޓަން ބޭންޑު އަޅައިގެން ކުޅު ފެހި ޓީމެވެ. އެ މެޗުގައި، ފެހި ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ 1997 ވަނަ އަހަރު ސާފު ޗެމްޕިއަންޝިޕްގައި ގައުމީ ޓީމު ފައިނަލަށް ދަތުރު ކުރި އިރު އެ ޓީމުގައި މޮޅަށް ކުޅުނު ފޯވަޑް މުހައްމަދު ވިލްދާން އެވެ.

އެ މެޗުގައި ކޯޗް ކޯށްދިން ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް އަދި ކުލަބު އީގަލްސްގެ މީހާރުގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒު 'މޯހަން' ބުނީ، އޭރުގެ ކުޅުންތެރިން ފިޒިކަލީ ފިޓްކޮށް ތިބުމަށް އިސްކަން ދޭވަރު އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފެނިގެން ދާނެ ކަމަށެވެ.

ކުރިން ޑީއެންސީއަށް ކުޅުނު ލަބީބް ބުނީ، ގަލޮޅު ދަނޑު ހުޅުވަން ފުރުސަތު ލިބުނު ޝަރަފުވެރި މެޗުގައި ކުޅުމުގެ ފަހްރު އޭނާއަށް ލިބިގެން ދިޔަ ކަމަށެވެ. އަލުން ހާއްސަ މެޗަކަށް ދަނޑަށް އައުމަށް ފުރުސަތު ލިބުމުން ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށް އޭނާ ބުންޏެވެ. މާލޭގައި މަތިން ކުޅޭ ބޮޑެތި ބޯޅަ ކުޅެމުން ދިޔައިރު އޭރުވެސް އައްޑޫގައި ލަބީބްމެން ޑީއެންސީގައި ތިރި ކުޅޭ ބޯޅަ ވަނީ ކުޅެފަ އެވެ.

ލެޖެންޑުންގެ މެޗުގައި ރާއްޖޭގެ އެންމެ ކުރީގެ ކުޅުންތެރިން ބައިވެރިވި އެވެ. އައްޑޫ ޑީއެންސީގެ އުދުހޭ މުފީދާއި މައިޒާން އަލިމަނިކު، މުހައްމަދު ނާސިރު 'ނާބެ' ގައުމީ ޓީމުގެ އެންމެ ފުރަތަމަ ކެޕްޓަން އިބްރާހިމް އިސްމާއީލް، އިބްރާހިމް ނޫރައްދީން، ސައްޔިދު އަލީމެން ފަދަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ރާއްޖޭގެ ކުރީގެ އެއް ވަނަ ކުޅުންތެރިން ކަމަށްވާ، މޫސާ މަނިކު ކުޑަ މޫސަ އާއި މުހައްމަދު ކަލީމް އަދި ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރު ދޮންބިލެއް އަހްމަދު ހަލީމްވެސް ކުޅުއްވި އެވެ.

ލެޖެންޑުގެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. އެ މެޗުގައި ފުރަތަމަ ލީޑް ނެގީ ރަތް ޓީމުންނެވެ. ގައުމީ ޓީމުގެ ފުރަތަމަ ކެޕްޓަން އިބްރާހިމް އިސްމާއީލް ކެޕްޓަންކަން ކުރި ހުދު ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ ކުލަބު ވެލެންސިއާގެ ލެޖެންޑް އަބްދުﷲ އާމިރު 'އައްލޯ އާމިރު' އެވެ.

ކުޑަ މޫސަވެސް މެޗު ފެށިގެން ކުޅުއްވީ ޓީމުގެ ފަހަތުގަ އެވެ. މުހައްމަދު އިގްބާލް 'އައިކިޔު' ބަލަހައްޓަމުން ދިޔަ ގޯލަށް އައްލޯ އާމިރު ލަނޑު ޖެއްސެވީ ރަތް ޓީމުގެ ޑިފެންސު ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭނާ ލަނޑު ޖެހުމުން، ކެޕްޓަން އިބްރާހިމް އިސްމާއީލް ވަނީ އުފާ ފާޅު ކުރެއްވުމުގެ ގޮތުން އައްލޯ އާމިރުއާއެކު ބައިވެރިވެ ވަޑައިގެންފަ އެވެ.

ކުޑަމޫސަ އެޓޭކަށް ކުޅުއްވީ، ވިކްޓަރީ ސުޕޯޓްސް ކުލަބުގެ ލެޖެންޑަރީ ކެޕްޓަން މުހައްމަދު އިބްރާހިމް 'ކައްޕި' ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ ވަޑައިގަތުމުންނެވެ. އޭގެ ފަހުން ރަތް ޓީމުގެ ޑިފެންސު ބަލަހައްޓަވަމުން ގެންދެވީ ކައްޕި އެވެ. އޭގެ ފަހުންވެސް އައްލޯ އާމިރަށް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. ރަތް ޓީމުގެ ގޯލް ހުސްކޮށް އޮއްވައި، އޭރިއާ ބޭރުގައި ހުރެފައި އޭނާ ފޮނުވާލެއްވި ބޯޅަ ގޯލް ރޮނގުމަތިން ދިފާއު ކުރެއްވީ މުހައްމަދު އިބްރާހިމް 'ކައްޕި' އެވެ. ކުޑަ މޫސަ ވަނީ ރީތި ވަންޓޫ ޕާހެއް އުފައްދަވައި، ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިސްމާއީލް ޒަރިއަންދު ބަލަހައްޓަމުން ދިޔަ ގޯލަށް ބޯޅަ ވައްދާލަފަ އެވެ. ނަމަވެސް ރާއްޖޭގެ ލެޖެންޑަރީ ރެފްރީ އަހްމަދު ސައީދު ނިންމެވީ އޮފްސައިޑް ވެފައިވާ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ސްޓައިލިޝް ގޯލްކީޕަރު އިސްމާއީލް ޒަރިއަންދު ބަލަހައްޓަމުން ދިޔަ ގޯލް ފޫއަޅުވާލުމަށް ފަހު ރަތް ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދެއްވީ އަހްމަދު ޝާހިދު 'ސާބެ' އެވެ. އެ ބޯޅަ ގޯލަށް ވަނި ޒަރިއަންދު އަތުގައި ޖެހިފަ އެވެ.

ލެޖެންޑުންގެ މެޗަށް ފަހު އެންމެ ހާއްސަ މެޗަކަށްވީ ސިޔާސީ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މެޗެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެޕްޓަންކަން ކުރެއްވި ޓީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ކެޕްޓަންކަން ކުރެއްވި ޓީމު ބައްދަލު ކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

ދެ ޓީމުގައިވެސް ކުރިން ފުޓްބޯޅަ ކުޅުއްވި ބޭފުޅުން ތިއްބެވި އެވެ. ރައީސް ސޯލިހް ޓީމުގެ ގޯލް ބެލެހެއްޓެވި އަހްމަދު ސަމީރަކީ، ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ބޭފުޅެކެވެ. އެ ޓީމުގައި ހިމެނި ވަޑައިގެންނެވި، މިހާރުގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަކީ، ކުރިން އިންޓަ ސުކޫލް މުބާރާތުގައި މޮޅަށް ކުޅުއްވި ބޭފުޅެކެވެ.

މަޖިލީހުގެ ރައީސްގެ ޓީމުގައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަކީ ނިއު ރޭޑިއަންޓަށް ކުޅުއްވި ބޭފުޅެކެވެ. މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްވެސް ވަނީ ކުރިން ކުލަބު ވެލެންސިއާއަށްވެސް ކުޅުއްވާފަ އެވެ. މެޗުގައި އެންމެ ފުރަތަމަ ލިޑް ނެގީ ރައީސް ސޯލިހްގެ ޓީމުންނެވެ. އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދެއްވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު އެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް މަޖިލީހުގެ ރައީސް ގާސިމްގެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދެއްވީ އަލީ އާޒިމު ކާމިޔާބު ކުރެއްވި ލަނޑުންނެވެ.

ކުޅިވަރު އީދާ ބެހޭގޮތުން އެމަނިކުފާނަށް ފެނިވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ވަރަށް ފުރިހަމަ މަންޒަރެއް ކަމަށާއި ކުޅިވަރުގެ ހުރިހާ ފަރާތްތަކުން ހިޔާލު ތަފާތު ވުންތައް ދޫކުއްރައްވައި އެކުވެރި ކަމާއެކު ކުޅިވަރު އީދުގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.

"ކުޅިވަރަކީ އެންމެން އެއް ކުރުވާ އެއްޗެއް، އެ މަންޒަރު ފެނިގެން އެދިޔައީ، އިރާދަ ކުރެއްވިއްޔާ ރާއްޖެއިން ކުޅިވަރުގެ ޖޯޝާއި ފޯރި، ހާއްސަކޮށް ރާއްޖެއިން ފުޓްބޯޅައިގެ ޖޯޝާއި ރޫހު އަލުން ފެނިގެންދާނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"އެންމެ ކުރިި އާއި މިހާރުއި، ލެޖެންޑުންނާއި ވެޓަރަންސް އާއި މިހާރުގެ ކުޅުންތެރިން ޔޫތު އަންހެން ޓީމު އެބަފެނިގެންދޭ، މި އެންމެން އެކުވެގެން މީގެ ރޫހު މި ގެނެސް ދެނީ. މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރެއްވިއްޖެއްޔާ އަލުން ފުޓްބޯޅައިގެ ރޫހް އާލާވެގެންދާތަން އަޅުގަނޑަށް އެބަ ފެނިގެން ދޭ."

ފުޓްބޯޅައިގެ އިވެންޓް ނިންމާލީ، ފުޓްބޯޅަ އިވެންޓްގައި ބައިވެރި ހުރިހާ ބޭފުޅުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ނެންގެވި ހާއްސަ ފޮޓޯއެއް ނެންގެވުމަށް ފަހު އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދުޅަ ހެޔޮ ހަށިހެޔޮ ކުޅިވަރު އީދު ބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.