ހަބަރު

ބިޑް ނުކޮށް ޓޫރިޒަމަށް ތަންތަން ދޫނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

Nov 21, 2018
3

ޓޫރިޒަމަށް ކުއްޔަށްދޭ ބިންބިމާއި ފަޅުތައް ބިޑްކޮށްގެން ނޫން ގޮތަކަށް ކުއްޔަށް ނުދެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ރިފާއު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ އިސްލާހު ކުރުމަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ، "ފަތުރުވެރި ކަމާ ބެހޭ ކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޭން ވާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް އާންމުކޮށް އިއުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް" ކަމަށެވެ.

މީގެ އިތުރުން، މިހާރެކޭ ވެސް އެއްގޮތަށް، ޓޫރިޒަމް ތަރައްގީ ކުރަން ދޫކުރާ ރަށްތަކާއި ފަޅުތައް އެނގޭނެ ލިސްޓެއް މިނިސްޓްރީ އިން ދުރާލައި ތައްޔާރުކޮށް އާންމުކޮށް އިއުލާން ކުރަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މިހާރު އޮންނަ ގޮތުން، ޓޫރިޒަމް މިނިސްޓްރީއިން އެކުލަވާލައި އިއުލާންކޮށްފައިވާ ޓޫރިޒަމަށް ދޫކުރާ ތަންތަނުގެ ލިސްޓުގައި އެތަނެއް ކުއްޔަށް ދޭނެ އަގާއި، އެކުއިޒިޝަން ކޮސްޓް ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ. އަދި އެކުއިޒިޝަން ކޮސްޓް އެންމެ ފުރަތަމަ ދައްކާ ފަރާތަކަށް މިނިސްޓްރީއަށް އެތަން ކުއްޔަށް ދެވިދާނެ އެވެ. އަދި އެކަން ކުރުމުގެ ކުރިން އެޓާނީ ޖެނެރަލާއި އޮޑިޓް އޮފީސް އަދި އޭސީސީގެ ލަފާ ހޯދަން ވެސް އޮންނަނީ ލާޒިމްކޮށްފަ އެވެ.

އެގޮތަށް ގާނޫނު އިސްލާހު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

ޕީޕީއެމްގެ މެންބަރު ރިފާއު އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ، މިހާރު އުސޫލު އޮންނަ ގޮތުން ކޮރަޕްޝަނަށް މަގުފަހިވުމެވެ. އަދި މިހާރު އޮންނަ ގޮތުން ރަށްތަކާއި ފަޅުތައް ދީގެން އެންމެ އެދެވޭ މަންފާއެއް ރައްޔިތުންނަށް ނުލިބޭތީ ކަމަށް ވެސް އޭނާ ހުށަހެޅުއްވި ބިލްގައިވެ އެވެ.