ދިވެހި ޕްރެމިއާ ލީގް

އަސަދުﷲ ހެޓްރިކުން މާޒިޔާއިން ޓީސީއަށް ޕްރެޝަރު ކޮށްފި!

ށ. ފޯކައިދޫގެ މައްޗަށް 5-0 ގެ ބޮޑު މޮޅެއް ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ އެއް ވަނައިގައި އޮތް ޓީސީއަށް މާޒިޔާއިން ޕްރެޝާ ކުރިމަތި ކޮށްފި އެވެ.

މާޒިޔާ އާ ޓީސީ އާ ދެމެދު މިހާރު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ. ޓީސީ އެއް ވަނައިގައި އޮތީ 36 ޕޮއިންޓާއެކު އެވެ. ފޯކައިދޫ އަތުން މޮޅުވެ މާޒިޔާއިން ވަނީ 34 ޕޮއިންޓް ހަމަކޮށްފަ އެވެ. މާދަމާ ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުން ޓީސީއަށް މޮޅު ނުވެވިއްޖެ ނަމަ، ޓީސީއަށް އުނދަގޫ ކުރިމަތިވާނެ އެވެ. އެ މެޗުން މޮޅުވެވިއްޖެނަމަ ލީގް ހޯދުމާ ފިޔަވަޅަކާ ގާތަށް ޓީސީއަށް ޖެހި ލެވޭނެ އެވެ.

މިރޭ، ފޯކައިދޫ އާ ދެކޮޅަށް މާޒިޔާ މޮޅު ކޮށްދޭން، ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ހެޓްރިކް ހަދާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

މާޒިޔާއަށް ފޯކައިދޫގެ ގޯލް ހުޅުވައި ދިނީ، ނާއިޒު ހަސަން ‘ދާދު’ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގައެވެ.

އޭގެ ހަ މިނެޓް ފަހުން އަސަދުﷲ ވަނީ، މާޒިޔާގެ ލީޑް ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފު މާޒިޔާއިން ނިންމާލީ ތިން ލަނޑުގެ ލީޑަކާ އެކު އެވެ. ޢެޓީމުގެ ތިން ވަނަ ލަނޑަކީ ފޯކައިދޫގެ ޝަމާލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މާޒިޔާގެ ފަހު ދެ ލަނޑު ކެޕްޓަން އަސަދުﷲ ކާމިޔާބު ކުރީ، ގާއްގަނޑަކަށް މެޗުގެ އެންމެ ފަހު 10 މިނެޓް ތެރޭގަ އެވެ. އަސަދުﷲގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 79 ވަނަ މިނެޓްގަ އެވެ. ޢޭނާ ހެޓްރިކު ފުރިހަމަ ކުރީ 84 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.