ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ކަމުގެ ޝަރަފާ އެކު ދިވެހި އަސްކަރިއްޔާ ލީޑް ކުރެއްވުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބިވަޑައިގެންނެވި ބޭކަނބަލަކީ، މައްޗަންގޯޅި އުތުރު ދާއިރާގެ ކުރީގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. ސިޔާސީގޮތުން ވަރަށް އެކްޓިވްކޮށް އުޅުއްވި މާރިޔާއަށް ލީޑްކުރައްވަން މި ޖެހިވަޑައިގަންނަވަނީ، ވަކި ތަރުތީބަކުން ހިނގާ ސަރުކާރުގެ އެންމެ ޕްރޮފެޝަނަލް އެއް ވުޒާރާ އެވެ. ގިނަ ބަޔަކު އިސްލާހަށް އެދިއެދި އޮތް، ދިވެހި ސިފައިންގެ މުއައްސަސާގެ ފާރަވެރިއަކަށް ވެވަޑައިގެން، ރާއްޖޭގެ ދިފާއީ ކަންކަން ހަރުދަނާ ކުރުމުގެ ބޮޑު މަސްއޫލިއްޔަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލައްވާފައި މި ވަނީ، ޑިފެންސް މިނިސްޓަރު، މާރިޔާގެ އަތްޕުޅަށެވެ. ރައީސްގެ މި ނިންމެވުމުން ހައިރާންކަން ލިބުނު މީހުން ކިތަންމެހާ ވެސް ގިނަ އެވެ. ސުވާލަކަށްވީ އަންހެނަކަށް މިކަން ކުރެވޭނެ ހެއްޔެވެ؟ މާރިޔާގެ އެ ކެޕޭސިޓީ އެބަހުރި ހެއްޔެވެ؟
ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން، "އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މާރިޔާ އެ ސުވާލަށް ދެއްވީ ވަރަށް ވެސް ކުރު އަދި ސާދާ ޖަވާބެކެވެ؛ "ގާނޫނު އަަސާސީ ތަސައްރަފު ކޮށްދީފައިވާ ފަދަ ޑިފެންސް ފޯސްއެއް ގެންނަން އަޅުގަނޑަށް ވުރެ ވަކިން ގާބިލް މީހެއް މިމަގާމަށް ހުރިހެނެއް ހިއެއް ނުވޭ." އެ ޖަވާބު އިތުރަށް ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ، ގާނޫނު އަސާސީގައި އަދި ގާނޫނުތަކުގައި ވެސް، ޑިފެންސް މިނިސްޓްރީ ލީޑް ކުރައްވާނީ ސިޔާސީ ފަރާތެއް ކަމަށާއި އެ ވުޒާރާޔާ ހަވާލުވާ އެންމެ ސިޔާސީ ތަޖުރިބާ ގިނަ ބޭފުޅާ އަކީ އެކަމަނާ ކަމަށް ވެދާނެ ކަމަށެވެ. ޑިފެންސް މިނިސްޓަރަކަށް ހަވާލުވާ ބޭފުޅަކީ ސިޔާސީ ތަޖުރިބާ ގިނަ ބޭފުޅަކަށް ވުމަކީ ސިފައިންގެ ކަންކަން ހަމަ މަގަށް އަޅުވަން ލިބޭނެ ފުރުސަތެއްގެ ގޮތުގައި އެކަމަނާ ހުންނެވީ ގަބޫލު ކުރައްވައިގެން އެވެ.
"މި ރާއްޖޭގެ ގާނޫނު އަސާސީ ނިންމާފައި މި އޮތީ މި އިންސްޓިޓިއުޝަން، ޑިފެންސްވެސް ހެޑް ކުރާނީ ސިޔާސީ މިނިސްޓަރެއްކަން. ސަރުކާރުގެ ބޭފުޅެއްކަން. ސަރުކާރުގެ އެކްޓިވް ނޮން އެކްޓިވް ސިޔާސީ ބޭފުޅުނެއް ނުތިއްބަވާނެ. ސިޔާސީ މީހުން އަކީ ހަމަ ސިޔާސީ މީހުން. އެހެން ވީމާ ގާނޫނު އަސާސީ އިން އެގޮތަށް ނިންމެވުމަށް ފަހު ދެން އެތާގައި ހުންނާނީ ހަމަ ސިޔާސީ މީހެއް،" ސިފައިންގެ މައި މަރުކަޒުގައި ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ. "އަޅުގަނޑަކީ ގާނޫނު އަސާސީ ހެދިއިރުވެސް އެތާ އިން މީހަކަށް ވެފައި، ސިފައިންގެ ގާނޫނު ހެދިއިރުވެސް އެތާ އިން މީހަކަށް ވެފައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ހަތަރު ދައުރު ހުރެވުނީމާ، މިރާއްޖޭގެ ގާނޫނު އަސާސީ ބުނަނީ ސިފައިން ވެސް މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިންއޭ. އެހެންވީމާ އަޅުގަނޑަކީ ޕްރޮފެޝަނަލީ ލޯޔަރަކަށް ވެފައި، ޑެމޮކްރެޓިކް ބެކް ރައުންޑެއް އޮތީމާ، ޑިިމޮކްރަޓިކް ވިލް ހުރެފައި، ގާނޫނު އަސާސީ ވިސްނާފައި އޮތް ގޮތަށް މި މުއައްސަސާ ބައްޓަން ކުރަން އަޅުގަނޑުގެ ތަޖުރިބާ މުހިންމުވާނެ،"
ރާއްޖޭގެ ފުރަތަމަ އަންހެން ލޯޔަރުގެ ގޮތުގައި ވެސް ކާމިޔާބީތައް ހޯއްދެވި މިނިސްޓަރު މާރިޔާ ދެކެވަޑައިގަންނަވާ ގޮތުގައި ޑިފެންސްގެ ދާއިރާއަށް އަދި ހާއްސަކޮށް ސިފައިންގެ ތެރެއަށް، "ޗެކްސް އެންޑް ކޮންޓްރޯލްސް" ނިޒާމެއް މިވަނީ މުހިންމުވެފަ އެވެ. އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި ޑިފެންސްގެ ދާއިރާ އަކީ ބޮޑު ބަޖެޓެއް ލިބޭ ދާއިރާއެކެވެ. އެހެންވެ އެ ދާއިރާގެ ހަރަދުތަކާއި ކުރެވޭ މަސައްކަތްތައް ދެ ފުށްފެންނަ ގޮތަށް ކުރެވެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ސިފައިންގެ މައްޗަށް އަންނަ ތަފާތު ތުހުމަތުތައް ވެސް ކުޑަ ކުރެވޭނީ ދެ ފުށްފެންނަ،
ޒިންމާދާރު ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެން އެވެ.
"ބޮޑެތި ބަޖެޓް ގެންގުޅޭ ތަންތަނަށް ވަންޔާ ބޮޑަށް ބަލަން ޖެހޭނެ. އަޅުގަނޑުގެ ދަށުގައި މިހިރަ އިމިގްރޭޝަން ކަސްޓަމްސް ތަންތަން ކަމަށްވަންޔާ ވެސް މިއީ އެތައް ބަޔަކު ތުހުމަތުތައް ކުރާ ތަންތަން. އެހެން ވީމާ މި ތަންތަނަށް އެބަ އަންނަން ޖެހޭ ޗެކްސް އެންޑް ކޮންްޓްރޯލްސް. އެކަން ކުރެވޭނީ އިހުލާސްތެރި މީހުން ގެނެސްގެން. އަދި ހަމަ އެކަނި މީހުނެއް ވެސް ނޫން މައްސަލައަކީ. މީގައި ނިޒާމުގެ ވެސް ލެކްތައް އައިސްގެން މި އަންނަނީ ކަންކަން. އެހެން ވީމާ އޮޑިޓާ ޖެނެރަލާ ވެސް ފިނޭންސްއާ ވެސް ވާހަކަ ދައްކަވައިގެން ޗެކްސް އެންޑް ކޮންޓްރޯލްސްތައް ވަރުގަދަކުރާނަން،" މާރިޔާ ވިދާޅުވި އެވެ. "ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ގާނޫނީ ޕޮޒިޝަން ރަނގަޅަށް އެނގިފައި އޮންނަން ވާނެ. ކުރެވޭނީ ކޮންކަމެއް ތޯ ނުކުރެވޭނީ ކޮން ކަމެއްތޯ؟ އެޑްމިނިސްޓްރޭޓިވް ލޯގެ އެންމެ މުހިންމު އެއްޗަކީ، އެ މީހަކު ކުރާ ކަމެއް ބެކްވާން ޖެހޭނެ ގާނޫނުން. ގާނޫނު ހުއްދަ ކުރާ ކަންތައްތައް ކުރެވޭނީ،"
ދިވެހި ސިފައިންގެ މުއައްސަސާ ފެންނަނީ ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައިކަން ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ އެކަމަނާގެ އެންމެ ބޮޑު އަމާޒަކަށް ވާނީ، ރައްޔިތުން ހޮވާ ވެރިކަމަކަށް އިހުތިރާމް ކޮށްގެން ޑިމޮކްރަޓިކް ވެއްޓެއްގައި ހަރަކާތްތެރިވާނެ ގޮތްތައް ސިފައިންގެ ސަފުތަކުގެ މެދުގައި އާލާކުރުން ކަމަށެވެ. މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުން ހޮވާ ވެރިކަމެއް ހިމާޔަތްކޮށް ދިނުމުގެ މުހިންމުކަމާއި ގާނޫނު އަސާސީއާ ހިލާފު އަމުރުތަކަށް ބޯނުލެބުމަށް ގާނޫނު އަސާސީއިން ސަލާމަތީ ހިދުމަތްތަކަށް ލިބިދޭ ބާރު ގާނޫނަކުން އިތުރަށް ޑިފައިން ކުރެވެން ޖެހެ އެވެ. އެއީ ޕްރޮފެޝަނަލްކޮށް މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސިފައިންނަށް ކޮންމެހެން މުހިންމު ކަންތައްތައް ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.
ގާނޫނު އަސާސީ ބުނަނީ ސިފައިން ވެސް މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިންއޭ. އެހެންވީމާ އަޅުގަނޑަކީ ޕްރޮފެޝަނަލީ ލޯޔަރަކަށް ވެފައި، ޑެމޮކްރެޓިކް ބެކް ރައުންޑެއް އޮތީމާ، ޑިިމޮކްރަޓިކް ވިލް ހުރީމާ، ގާނޫނު އަސާސީ ވިސްނާފައި އޮތް ގޮތަށް މި މުއައްސަސާ [ސިފައިންގެ] ބައްޓަން ކުރަން އަޅުގަނޑުގެ ތަޖުރިބާ މުހިންމުވާނެމާރިޔާ އަހުމަދު ދީދީ - ޑިފެންސް މިނިސްޓަރު
"މި ބޭފުޅުންނަކީ [ސިފައިންއަކީ] ވަރަށް ޑިސިޕްލިން ބޭފުޅުން. އެބޭފުޅުން ބޭނުންފުޅުވޭ ކަންކަން އޮންނަ ގޮތަށް ހަމައިގެ މަތިން ކުރައްވަން. ވަރަށް ޕްރޮފެޝަނަލް ޓްރެއިނިން އެބޭފުޅުންގެ އެބަ ހުންނެވި. އެކަމަކު ހުރިހާ ބޭފުޅުން ނުވޭ ގާނޫނީ ބޭފުޅުންނަކަށް. އެބޭފުޅުންނަށް ގާނޫނީ ގޮތުން ކަންކަން އޮންނަ ގޮތް ބުނެދޭން އެބަ ޖެހޭ. އެބޭފުޅުން ގާނޫނުތަކުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި ގާނޫނީ ރައްކާތެރިކަން ލިބޭ ވަރާއި މިއެއްޗިހި ބޮޑަށް އެބަ ބުނެދޭން އެބަ
ޖެހޭ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ އަމުރަށް ނުކިޔަމަންތެރިވުމުގެ ފުރުސަތު ވެސް މިބޭފުޅުންނަށް އެބަ އޮވޭ. އެހެން ވީމާ އެބޭފުޅުންނަށް އެބަ ޑިފައިންކޮށްދޭން ޖެހޭ އަމުރަށް ނުކިޔަމަންތެރިވެވޭނެ ގޮތްތަކާއި ހާލަތްތައް. ގާނޫނުގެ ތެރެއިން ނަމަވެސް އެކަން ކުރަން ޖެހޭ. އެއީ އެބޭފުޅުންނަށް ވެސް ޔުނީފޯމް އަޅުއްވައިގެން ތިއްބަވާފައި އިންސްޓިޓުޝަން ލެވަލްގައި މިކަން މިއަދު ނުކުރާނަމޭ އެހެން އެކަން އޮންނަ ގޮތަކަށް ނޫން އޮންނަން ޖެހޭނީ. އެބޭފުޅުންނަށް ވެސް އެބަ ޖެހޭ ގާނޫނަކުން އެކަމުގައި ވެސް ގައިޑްލައިންތަކެއް ލިބެން،"
މިނިސްޓަރު ވިދާޅުވީ ސިފައިންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ އަވަށްޓެރި ގައުމުތަކަށް ސިފައިން ފޮނުވައިގެން ދަސްކޮށްދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި ސިފައިންނަށް ތައުލީމާއި ތަޖުރިބާ ލިބިއްޖެ ނަމަ، ގާނޫނު އަސާސީގައިވާ ފަދަ ސިފައިންގެ މުއައްސަސާއެއް އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް، އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި ގައުމު އިންޑިއާ އަކީ ޑިމޮކްރަސީއެއްގެ ތެރޭގައި ވަރަށް ޕްރޮފެޝަނަލްކޮށް އޮންނަ އަސްކަރިއްޔާއެއް އިންޑިއާގައި މި އޮންނަނީ. އެހެން ވީމާ، އެ ނޫނަސް އެކަހަލަ ޕްރޮފެޝަނަލް ސިފައިންގެ މުއައްސަސާއެއް އޮންނަ އެކަހަލަ ގައުމުތަކުން އަޅުގަނޑުމެންގެ ސިފައިންއަށް ދަސްކުރެވޭނެ ކަންކަން ވަރަށް ގިނަ ވާނެ. އެހެން ވީމާ ސިފައިންގެ ތައުލީމު، ތަޖުރިބާގެ ކަންކަމުގައި އެގޮތަށް ވިސްނުން ގެންގުޅޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އެކަމަނާގެ ދެން އެންމެ ބޮޑު ފޯކަސްއަކަށް ވާނީ ސިފައިންއަކީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކުރާ ބަޔަކަށް ވާތީ އެބޭފުޅުންގެ ވެލްފެއާގެ ކަންތައްތައް މިހާރަށް ވުރެވެސް ރަނގަޅުކޮށް ދިނުމެވެ. މިނިސްޓަރު ވިދާޅުވީ ސިފައިންއަކީ އެ މީހުންގެ ކަންކަމުގައި މީހުން ކައިރއަށް ގޮސް ބުނެ ކިޔައިގެން ކަންކަން ކުރަން ޖެހޭ ފަދަ ބައެއް ނޫނެވެ. ސިފައިންގެ ވެލްފެއާގެ ސިޔާސަތުތައް ރާއްވަވާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ސިފައިންއަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ ގޮތަކަށެވެ.
މިނިސްޓަރުގެ ފުރަތަމަ މަސައްކަތަކަށްވީ ވެސް ސިފައިން ކުންފުނި، ސިފްކޯއިން ހަދަން ފެށި ސިފްކޯ ހިޔާ ފްލެޓްތަކުގެ ޕްރޮގްރެސް ބެއްލެވުމެވެ. އެކަމަނާ ވިދާޅުވީ، މިހާރު މަސައްކަތް ގޮސްފައި ހުރި ހިސާބުން އަންނަ އަހަރުގެ ތެރޭގައި ހުރިހާ ފްލެޓްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި އެކަމަށް ބަޖެޓް ނުލިބޭ ނަމަ، ލޮބީކޮށްގެން ބަޖެޓް ހޯއްދަވައިގެން ވެސް އެ ފްލެޓްތައް ނިންމައި ސިފައިންނަށް ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ގަބޫލު ކުރައްވާ ގޮތުގައި ސިފައިންނަަށް ވެލްފެއާގެ ކަންކަން ހަމަޖެއްސުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. އެހެން ވީމާ ދިވެހި ސިފައިންނަށް ވެސް ސަރުކާރުން އެފަދަ ކަންކަން ފަހިކޮށްދޭން ޖެހެ އެވެ.
"ރައީސް ސޯލިހު ވައުދުވެ ވަޑައިގެންފައި ވަނީ އެއް އަހަރުގެ ތެރޭގައި އެ ފްލެޓްތައް ނިންމައި ދެއްވާނަމޭ. އެ ވައުދާ އެއްގޮތަށް އެކަން ފުރިހަމަ ކުރަން އަޅުގަނޑަށް ކުރެވުނު އެންމެ ބޮޑުކޮށް މަސައްކަތް ކުރާނަން. އަޅުގަނޑު ބަލައިލިއިރު ސިފައިންގެ ކުއްޖެއްގެ އަތުން 100،000 އެތައް ރުފިޔާއެއް ވަނީ ނެގިފައި، އެޑްވާންސްއަށް. އަސްލު ފްލެޓެއް ބޭނުންވެގެން އުޅޭ ކުއްޖެއް ގިނަ ފަހަރަށް މާލޭގެ ގޯތި ގެދޮރެއް ނުހުންނާނެ، ކުއްޔަށް ތަންތަން ހިފައިގެން އުޅޭނީ، އެ މީހުންގެ
އާއިލާތައް އެ މީހުން ބަލަހައްޓަން ޖެހޭނެ. މީގެ އިތުރަށް ލޯނެއް ނަގައިގެން އެ އަދަދު ދައްކާ ކަމަށްވަންޏާ، އެއީ ސިފްކޯ
ތެރެއިންއިން ކަމަށް ވިޔަސް، އެ ލޯނުވެސް ދައްކަން ޖެހޭނެ އަދި އެއީ އެ ހަރަދުތައް ވެސް ކުރަމުން. އެއީ މި ކުދިންނަށް [ސިފައިންއަށް] ވަރަށް ބުރަ ކަމަކަށް ވާނީ. އެކަމަށް ހައްލު ހޯއްދަވައި ދެއްވަން ރައީސް ސޯލިހުގެ ހާއްސަ ސަމާލުކަމެއް
ވެސް މި އޮތީ މި ސަބަބުތައް ހުރީމާ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓެރަރިޒަމް އާއި ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަ ކުރެއްވުމަކީ ވެސް އާ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަނާ ފޯކަސް ކުރައްވާނެ ކަންކަމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެރަރިޒަމަކީ، ރާއްޖެއަށް ވެސް ކުރިމަތިވެފައި އޮތް ބިރަކަށް ވާއިރު އެކަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެންމެ ބޮޑު ސިޔާސަތަކަށް ގެންގުޅުއްވާނީ، "ކަމެއް ހިނގުމުގެ ކުރިން އެކަމެއް ނުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް" އެޅުމެވެ. ހާއްސަގޮތެއްގައި، ހައްދު ފަހަނައަޅާ ދިޔުމުގެ ފިކުރުތަކުން މީހުން ދުރުކުރަން އެކަމާ ގުޅޭ ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ހިންގައި އެފަދަ ފިކުރުތައް ފެތުރުނަ ނުދިނުމަށް ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓްގެ
ތެރެއިން މަސައްކަތް ބައްޓަން ކުރަމުން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ނުކުމެވަޑައިގެން މި ހުންނެވީ އެ ހުރިހާ ޗެލެންޖްތަކަކާ ކުރިމަތިލައްވާށެވެ. އެކަމަނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސް ސޯލިހު އެކަމަނާއަށް އިތުބާރު ކުރެއްވީ ޑިފެންސްގެ ދާއިރާ ލީޑް ކުރެއްވޭނެތީ އެވެ. މިނިސްޓަރު މާރިޔާ ހުންނެވީ އެ ހިތްވަރާއި އަޒުމުގައި ދަތުރުކޮށް، ހުރަސްތައް ގިރާކޮށް، އެކަމަނާއަށް ވެސް މިކަން ވާނެކަން ދައްކައިދެއްވުމުގެ އަޒުމުގަ އެވެ. އާންމުން ބަލައިގަންނަ ޑިމޮކްރަޓިކް އުސޫލުން ހިނގާ ތަނަކަށް ސިފައިންގެ މުއައްސަސާ ބަދަލުކޮށްލުމަކީ އެކަމަނާ އާންމުންނަށް ދެއްވާ، އުންމީދެވެ.
"ޗެލެންޖްތައް ބޮޑު ދާއިރާއަކާ އަޅުގަނޑާ މި ހަވާލުވީ. އެކަމަކު އެއްވެސް ޗެލެންޖަކީ ގިރާ ނުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު މި ހުރީ ރައީސް ސޯލިހު އަޅުގަނޑަށް މި ކުރެއްވި ބޮޑު އިތުބާރާ އެކު ރައީސްގެ އެ ގޯލްތައް ހާސިލްކުރަން. ޑިމޮކްރަޓިކް އުސޫލުން ހިނގާ އާންމުންގެ އިތުބާރު އޮތް މުއައްސަސާއަކަށް ހަދައި މިތަނުގެ އަގު ހިފަހައްޓައި ދޭން ކުރަން ޖެހުނު މަސައްކަތް އަޅުގަނޑު ކުރަން ފަސް ނުޖެހި އިރާދަކުރެއްވިޔާ ހުންނާނެ. މިއަދު އަޅުގަނޑަށް ލިބޭ އުފަލަކީ މި މަސައްކަތް ކުރުމުގައި މިންތިއެއް ނެތި އަޅުގަނޑަށް ރައީސް ކުރެއްވި އިތުބާރު،" މިނިސްޓަރު ވިދާޅުވި އެވެ. "އާންމު ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑު މި މަގާމަށް އައިސްގެން ރަނގަޅު ފީޑްބެކް އައީ. އާންމުންވެސް އުފަލުން ތިބިތަން ފެންނަނީ. އެހިތްވަރުގައި އަޅުގަނޑު މިހުރީ."