ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާއާއި ކައިވެނި ކުރުމަށް ނިކް ޖޯނަސް އިންޑީއާއަށް ގޮސްފި އެވެ.
މި މަހުގެ 28 ގައި ކައިވެނީގެ ހަފްލާތައް ފެށުމަށް ހަމަޖެހިފައިވާއިރު، ހޮލީވުޑްގެ ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސް ނިއު ޔޯކް ސިޓީއިން ނައްޓާލަމުން 'ސީޔޫ ލޭޓާ' ޖަހާފައި ޕޯސްޓު ކުރި އެވެ. އަދި ފްލައިޓު ތެރޭގައި ފޭނަކު ނިކް ޖޯނަސް އާއެކު ނަގާފައިވާ ފޮޓޯ އެއްްވެސް ވަނީ ވައިރަލް ވެފަ އެވެ.
މި ކައިވެނި ކުރަން ހަަޖެހިފައިވާ ރަށް ޖޯދުޕުރުގައި މިހާރު ދަނީ ކައިވެނި ހަފްލާގެ ތައްޔާރީތައް ކުރަމުންނެވެ. ކައިވެނީގެ ތައްޔާރީ ތަކުގައި އެންމެ އިސްކޮށް އުޅެނީ ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ އެވެ. ފަސް ދުވަހަށް ދިގުދެމިގެންދާއިރު މި ކައިވެންޏަށް އައުމަށް ހޮލީވުޑްގެ ބައިވަރު ތަރިންނަށް ދައަުވަތު ދީފައިވާ ކަމަށް ބުނެ އެވެ.
އިންޑިއާގެ ކައިވެނި ހަފްލާތަކަކީ ކުލަގަދަ ގިނަ ހަރަކާތްތަކަކާއިއެކު ހަފްތާއަކަށް ދިގު ދެމިގެންދާ ކައިވެންޏެކެވެ. ހޮލީވުޑްގެ ތަރި ނިކް ޖޯނަސް އާއި ނިކްގެ އާއިލާއަށް މިއީ އިންޑިއާ ކައިވެންޏެއްގެ ހުރި މަޖަލާއި ފޯރި ފެންނާނެ ފުރަތަމަ ފަހަރު ކަމުން ޕްރިޔަންކާ ބޭނުންވަނީ ހުރިހާ ގޮތަކުންވެސް މި ކައިވެނި ހާއްސަ ކުރާށެވެ. އަދި، އިންޑިއާ ކައިވެނި ތަކުގައި ފޯރި ގަދަކޮށް ބާއްވާ ނެށުމާއި ލަވަ ކިޔުމުގައިވެސް ނިކްގެ މޮޅެތި ހަރަކާތްތައް ފެންނާނެ ކަމަށް ބެލެވެ އެވެ.
ނިކް ޖޯނަސް އާއި ޕްރިޔަންކާ އެންމެ ފުރަތަމަ އެކުގައި ފެނުނީ 2017 ވަނަ އަހަރުގެ މެޓް ގާލާ އިން އެކުގައި ރެޑް ކާޕެޓަށް އައުމުންނެވެ. އެއަށްފަހު މި ދެ ތަރިންވަނީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އެކަކު އަނެކަކަށް ލޯބީގެ ކޮމެންޓުތައް ފޮނުވަމުންނެވެ. އަދި މިއަހަރުގެ އޮގަސްޓު މަހު މި ދެތަރިން ކައިވެނި ކުރުމަށް އެންގޭޖު ވެފައިވާ ފޮޓޯ ތަކުން މުޅި ސޯޝަލް މީޑިއާ ސިއްސުވާލި އެވެ.
ދީޕިކާ އާއި ރަންވީރުގެ ކައިވެންޏަށްފަހު ގިނަ ބަޔަކު މިހާރު އެންމެ އިންތިޒާރު ކުރަމުން ދަނީ މި ދެތަރިންގެ ކައިވެނީގެ އުފާވެރި ފޮޓޯތައް ފެންނާނެ ދުވަހަކަށެވެ.