ވިޔަފާރި

ގިނަ ތަރިންތަކެއް ޗުއްޓީއަށް ރާއްޖޭގައި، މިއީ ޓޫރިޒަމަށް އުފާވެރިކަމެއް

Dec 28, 2014
1

އާ އަހަރުފެށުމުގެ ޗުއްޓީއަކީ ރިސޯޓް ތަކާއި ގެސްޓް ހައުސްތަކަށް އެންމެ ބާރު ބޮޑު އަދި ތިޔާގި މޫސުމެވެ. އެތަންތަން އެކި ފަންތީގެ ޓޫރިސްޓުންނައިގެން ބަންޑުންވާތަން އާދެ އެވެ. ކޮޓަރިތަކާއި ޓޫރިސްޓުންނަށް ދޭ ހިދުމަތުގެ އަގުތައް އެތައް ގުނަ ޑަބަލްވެ އެވެ. މިއަހަރު ވެސް އޮތީ ހަމަ އެހެންނެވެ. ގިނަރިސޯޓްތައް އެ ހުރީ ޖެނުއަރީ ފަހުކޮޅާ ހަމައަށް ބުކިންސްތަކުން ވެސް މިހާރު ހުރީ ފުރާލައިފަ އެވެ. އެފަދަ ތަންތަން ފުރާލީ ދުނިޔޭގެ އެކި ކަންކޮޅުންތަކުން އަންނަ މުއްސަދިންނާއި އެ މީހުންގެ އާއިލާތަކުންނެވެ. އެހެން ބައެއް ވެސް އެބަތިއްބެވެ. އެއީ އެކި ފަންނުތަކުން މީހުންގެ މެދުގައި މަގުބޫލު ވެފައިވާ ތަރިންނެވެ. އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލަން އެފަދަ އެތައް ބައެއްގެ ކަޅި އަމާޒު ވަނީ ރާއްޖެ އަށެވެ. އާ އަހަރުގެ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގައި ތިބި ތަރިންގެ ލިސްޓް 20 އަށް ވުރެވެސް ގިނަ އެވެ. މިހާރު އުފެދޭ ސުވާލަކީ ގިނަ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަކީ ކޮންފައިދާއެއް އޮތް ކަމެއް ހެއްޔެވެ؟

"އެތައް ބަޔަކު ތިބޭ އެ މީހުން ފަސްފަހަތުން އުޅޭ. އެ މީހުން އުޅޭ ގޮތަށް އުޅޭ މީހުން. އަނެއްކާ ބޭރުގެ ނޫސްތަކުގައި އެބަ ޖަހާ މިވެނި ތަރިއެއްގެ އަގު ބޮޑު ޗުއްޓީ ހޭދަ ކުރީ ރާއްޖޭގައޭ. އެ ހިސާބުން ދެން އެ ރާއްޖެ މަޝްހޫރުވީ. ދެން ރާއްޖޭގެ ވާހަކަ ތުންތުން މަތިންވެސް ދައްކާނެ. ކުޅޭ ކުޅޭ ތަނަކަށް އެކަހަލަ މަޝްހޫރުތަރިން ނާންނާނެކަން އެންމެން ވެސް ގަބޫލު ކުރާނެ،" އަފީފް ވިދާޅުވި އެވެ.

އާ އަހަރާ އެކު ރާއްޖޭގެ ދޮންވެލި ގޮޑުދޮށްތަކަކީ މަޝްހޫރުތަރިންނަށް އެންމެ ގަޔާވާ ތަންތަނެެވެ. އެއާ އެކު އެ މީހުންގެ ފަހަތުން ރާއްޖެ އަންނާނެ އެތައް ހާސް ފޭނުންނެއް ތިބޭނެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ އަގު ދުނިޔޭގައި އިތުރަށް އުފުލައިދޭނެ ކަމެކެވެ.

މަޝްހޫރިތަރިންނާއި ބޮޑުން އެ މީހުންގެ ޗުއްޓީއަށް އެތައް ލައްކަ އަދި މިލިއަން ޑޮލަރު ވެސް ހަރަދު ކުރެ އެވެ. ޑޭވިޑް ބެކަމް ޖައްސަ ޖައްސައިގެން ރާއްޖެ އަންނަތާ މިއަހަރަށް މިވީ ތިން އަހަރެވެ. އޭނާ ރާއްޖެ އަންނަ ކޮންމެ ފަހަރަކު މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް އޭނާ ރާއްޖޭގައި ހޭދަ ކުރާ ޗުއްޓީއަށް ހަރަދު ކުރާ ކަމަށް ޑެއިލީ މެއިލް ފަދަ އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެފަދަ ގިނަ ފަރާތްތަކެއް ރާއްޖެ އައިސްފި ނަމަ އެ މީހުން ހޯދާނީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެވެ. އެ ހިދުމަތްތަކުގެ އަގު އެތައް ލައްކަ ޑޮލަރަކަށް އަރާނެ އެވެ. މިއީ އާދައިގެ ޓޫރިސްޓެއް ހޭދަ ކުރާ އަގަށް ވުރެ އެތައް ގުނަ އިތުރު އަދަދެކެވެ. އާދައިގެ ޓޫރިސްޓަކު ވެސް ރާއްޖޭގައި 3،000 ޑޮލަރަށް ވުރެ ގައިން އެވްރެޖްކޮށް ހަރަދުކޮށްފައިވެ އެވެ.

"މިކަހަލަ ބޮޑެތި ތަރިން އެ މީހުން ބުރަކޮށް އުޅެލާފައި ނަގައި ޗުއްޓީގައި ވަރަށް ގިނައިން މި ހަރަދުކޮށްލަނީ. އެހެންވެ އެއީ ރާއްޖެއަށް ވަންނަ ވަރަށް ގިނަ ފައިސާ. މިކަހަލަ ގިނަ ތަރިންނާއި މަޝްހޫރު މީހުން އައުމަކީ ރާއްޖެ މަޝްހޫރުވުގެ އިތުރަށް ޓޫރިޒަމުން ލިބޭ ނަފާ އިތުރުވާނެ ކަމެއް،" ރިސޯޓް އޯނަރަކު ވިދާޅުވި އެވެ.

އާ އަހަރާ އެކު ރާއްޖެއަށް ގިނަ ތަރިންތަކެއްގެ ލޯ އަމާޒުވެ އެތައް ބަޔަކު ކަޅިއަޅަމުން އަންނަ އިރު، މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މިއީ އިތުރަށް ރާއްޖެ މަޝްހޫރު ވާނެ ކަމެކެވެ. ރާއްޖޭގެ ނަން ދުވަހަކު ވެސް އަޑުނީވި ތިބި އެތައް ބަޔަކަށް، "މިއީ ދުނިޔެ މަތީ"ގެ ސުވަރުގެއެއްކަން ބުނެލަދިނުމަށް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ.