ހަބަރު

ސްމިތް ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން: ފޮލިސް

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްްޓް އަލީ ހާޝިމް، ސްމިތު ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލީ ބަންދުގައި ބަހައްޓަން ޖެހޭ އިތުރު ސަބަބެއް ނެތުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ސްމިތް އިއްޔެ ހައްޔަރުކުރުމަށްފަހު، ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ. އޭނާ ދޫކޮށްލާފައިވަނީ މިއަދު ހަވީރު 5:50 ހާއިރެވެ. ބައެއް މީޑިއާތަކުން ވަނީ ސްމިތް ދޫކޮށްލީ ފިއްތުންތަކާ ގުޅިގެން ކަމަށް ރިޕޯޓްކޮށްފަ އެވެ. އެއީ ހަގީގަތް އޮޅޭ މައުލޫމާތެއް ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އަލީ ހާޝިމް ދޫކޮށްލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މައްސަލައާ ގުޅިގެން ފުލުހުންގެ ތަހްގީގަށް ސާފުކުރަން ބޭނުންވި ކަންތައްތައް ސާފުކުރުމަށްފަހު، އިތުރަށް ފުލުހުންގެ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

ސްމިތް ދޫކޮށްލާފައިވަނީ މިއަދު އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާ ކުރަމުންދަނިކޮށެވެ. އޭނާ ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވެސް ވަނީ ޓްވީޓްކޮށް ގޮވާލާފަ އެވެ.