ހަބަރު

ހިޔާނާތް ބަލާ ކޮމިޝަނުން ހަނާ އިސްތިއުފާ ދެއްވައިފި

ދައުލަތުގެ މަތީމަގާމްތަކުގައި ތިއްބަވާ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ މައްްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސް އުފެއްދެވި ކޮމިޝަން އިން އެ ކޮމިޝަންގެ މެންބަރު އައިޝަތު ހަނާ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އިން ހަނާ އިސްތިއުފާ ދެއްވީ އޭނާގެ މަސްލަހަތު ފުށު އަރާފާނެ ކަމަށް ބެލެވޭތީ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަމަށް ހަނާ ވިދާޅެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެ ކޮމިޝަންގެ މެންބަރުންނާ މެދު ސޯޝަލް މީޑިއާގައި ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހަނާ ހައްޔަރުކޮށްފައިވާތީ އޭނާއަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވެ އެވެ. ހަނާއާއެކު އޭނާގެ ފިރިމީހާ އިސްމާއިލް ވިޝާމް ވެސް ހައްޔަރު ކުރި އެވެ. އެދެމީހުން ހައްޔަރުކުރީ އެދެމީހުން ދިރިއުޅެމުން ގެންދެވީ މ. ހަނީޑިއު ގެއިން މަސްތުވާތަކެއްޗާއެކު އެވެ.

އޭރު ހަނާ ހުރީ ޕްރޮސެކިއުޓަ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ކަމުގެ މަގާމުގައެވެ. އަދި އޭނާ ފިރިމީހާ ވިޝާމް ހުރީ އެސިސްޓެންޓް އެޓާނީ ޖެނަރަލްގެ މަގާމުގަ އެވެ. އެ ދެބޭފުޅުން ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމުން ދެ ބޭފުޅުންގެ ކުޑަކަމުދާ ތަކެތިވެސް މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވް ވެފައިވެ އެވެ.

އެ ކޮމިޝަންގެ އެހެން މެންބަރުންގެ ތެރޭގައި އަހުމަދު އަސްއަދާއި އާސް އަބްދުﷲ އާއި ނަދީމް އިބްރާހީމާއި އަދި ފާތިމަތު ސަރީރާ އަލީ ޝަރީފު ހިމެނެ އެވެ. އެ މީހުންނަށް ވެސް ވަރަށް ބޮޑެތި ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.