އެފްއެސްއެމް

ނާޖާއިޒު މަންފާއެއް ލިބޭ ކަމެއް ނުކުރަން: ގަސަމް

ނާޖާއިޒު މަންފާއެއް ލިބޭ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.

ގަސަމް މިހެން ވިދާޅުވެފައި މިވަނީ އެކުންފުނީގެ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރި އެ ކުންފުނީގެ މުވައްޒަފަކު ސަސްޕެންޑް ކުރުމުން ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެެވެ.

އެފްއެސްއެމްގެ ލިޔުންތަކާ ގުޅިގެން އެތައް ދުވަހަކު ހަނުހުންނެވުމަށްފަހު ގަސަމް ރޭ އާންމުކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލީ ހިންގާފައިވާ ނުރަނގަޅު ކަންތައްތަކެއް ފޮރުވަން ކަމަށް ބުނެ މީހުންގެ ސިކުނޑިއަށް އެކަން ވައްދައިދިނުމަށް ސޯޝަލްމީޑިއާގައި ބަޔަކު ކުރަމުންދަނީ ފިނޑި އަމަލުތަކެއް ކަމަށެވެ.

"ބަޔަކު ކުރަމުންދާ ފިނޑި އަމަލުތަކާ ގުޅިގެން އަޅުގަނޑުގެ މަންމަ އާއި ބައްޕައަށް އަދި އާއިލާއާއި ގާތްތިމާގެ މީހުންނަށާއި ގާތް އެކުވެރިންނަށާއި އެންމެހާ ފަރާތްތަކަށް ޔަގީންކަމާ އެކު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑު އަދިވެސް މިހުރީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީައި ކަމުގައެވެ،" ބަޔާނުގައިވެ އެވެ.

ގަސަމް ވިދާޅުވީ އޭނާ ކޮށްފައިވާ ހަލާލު މަސައްކަތުން ލިބޭ އެއްޗެއް ނޫނީ އޭނާއާއި އަނބިދަރިންގެ އަރުން އެތެރެ ނުވާނެކަން އަބަދުވެސް ޔަގީންކުރަމުންދާ ކަމަށެވެ. އަދި އެފްއެސްއެމް އިން ކޮށްފައިވާ މަސައްކަތެއް ކޮށްފައިވަނީ ކުންފުނީގެ ކުރިއެރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"ފޮރުވަންޖެހޭ ނާޖާއިޒު މަންފާ އަޅުގަނޑަށް ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ގަސަމް ވިދާޅުވެފައިވެ އެވެ.

އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލި މައްސަލައިގައި އެ ކުންފުނިން ބުނީ އެއީ ގިނަ އަހަރުތަކެއް ވަންދެން ގުދަން ކޮށްފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔުންތަކެއް ނޫން ކަމަށެވެ. އެހެންކަމުން ކުންފުނީގެ މުހިއްމު ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ދޮގުކުރެ އެވެ.