ދައުލަތުގެ ބަޖެޓް

30.3 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކޮމިޓީއިން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 30.3 ބިލިއަން ރުފިޔާއަށް ބޮޑުކޮށް، އެ ބަޖެޓް މިރޭ ބަޖެޓް ކޮމިޓީއިން ފާސްކޮށްފި އެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގައި ހިމެނޭ ހުރިހާ މެންބަރުންގެ އިއްތިފާގުން އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުގެ ލަފާގެ މަތުން މިދިޔަ ސަރުކާރުން މަޖިލީހަށް ފޮނުވީ، އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް، ހަރަދުގެ ގޮތުގައިި 29.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ބަލައި 3.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

އެހެން ނަމަވެސް ދެ ހަފްތާއަށް ކުރިއަށް ގެންދިޔަ ބަޖެޓް ކޮމިޓީގެ ޖަލްސާތަކުގެ ތެރޭގައި މެންބަރުން މި ވަނީ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އާންމު އޮފީސްތަކުގެ ބަޖެޓުންނާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ، ބަޖެޓްގެ ބައި ޕީއެސްއައިޕީ ހިމެނޭ ގޮތުން އިތުރު 600 މިލިއަނެއްހާ ރުފިޔާ ބަޖެޓްގެ ހަރަދުތަކުގެ ތެރެއަށް ވަނީ އިތުރުކޮށްފަ އެވެ.

ބަޖެޓް އިތުރުކުރި ދާއިރާތައް

  • ފޮރިން މިނިސްޓްރީއަށް 25 މިލިއަން ރުފިޔާ
  • ފުރަތަމަ ޑިގްރީ ޕްރޮގްރާމަށް 100 މިލިއަން ރުފިޔާ
  • ކުރީގެ ރައީސުންގެ އިނާޔަތަށް އެއް މިލިއަން ރުފިޔާ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދެ މިލިއަން ރުފިޔާ
  • ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 35 މިލިއަން ރުފިޔާ
  • ޕީއެސްއައިޕީއަށް 452 މިލިއަން ރުފިޔާ

ހިލޭ އެހީގެ ގޮތުގައި ލިބޭނެ އަދަދު އިތުރުކޮށް އާމްދަނީއަށް އިތުރު 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ
ހިމަނައިފަ އެވެ. މަޖިލީހުން އިސްލާހުކުރި ބަޖެޓްގައި މިހާރުވާ ގޮތުގައި ހިލޭ އެހީ ހިމަނައިގެން އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ، 23.3 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން މަޖިލީހަށް ބަޖެޓް ފޮނުވި އިރު އެ އަދަދު އޮތީ، 23 ބިލިއަން ރުފިޔާގަ އެވެ.

ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ފަހުން މިގެނައި އެޖެސްމަންޓްތަކާ އެކުވެސް ޖުމްލަ ބަޖެޓް ބޮޑުވެގެން ދިޔަ ނަމަވެސް، ބަޖެޓް ޑެފިސިޓް ބޮޑުނުވެ، 3.7 ބިލިއަން ރުފިޔާގައި ހިފެހެއްޓޭނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 4.1 ޕަސެންޓެވެ. ދައުލަތުގެ ހަރަދާއި ދަރަންޏަށް ޒިންމާވުމުގެ ގާނޫނުން ލާޒިމްކުރަނީ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުން 5 ޕަސެންޓަށް ވުރެ ކުޑަނޫން އަދަދެއްގައި ދަރަނީގެ މިންގަޑު ބަހައްޓާށެވެ.

ކޮމިޓީ ނިންމާލައްވަމުން ޝަރީފް ވިދާޅުވީ ބަޖެޓާ ބެހޭ ގޮތުން ކޮމިޓީއިން ނިންމި ގޮތުގެ ރިޕޯޓު އަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ބަޖެޓައެކު 10 ރެކަމެންޑޭޝަނެއް ވެސް ވަނީ މީގެ ކުރިން ފާސްކޮށްފަ އެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ފާސް ކުރި ފުރަތަމަ ރިކަމެންޑޭޝަނަކީ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަަވާލި ބަޖެޓަކަށް ވުމުން އާ ސަރުކާރުގެ އޮފީސްތަކަށް އައި ބަދަލުތަކާއި އެ އޮފީސްތަކަށް ބަޖެޓު ކަނޑައެޅި ގޮތް ބަޖެޓު ފާސް ކުރާތާ 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށެވެ. ދެވަނަ ކަމަކަށް އިންކަމް ޓެކްސް ތާރަފް ކުރުމެވެ.

މީގެ އިތުރުން ޑީޖޭއޭގެ ބަޖެޓު އިތުރުކޮށްދީފައިވާ އިރު މިހާރަށް ވުރެ ބާރު ސްޕީޑަށް މައްސަލަތައް ނިންމާ، ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު މާލިއްޔަތު ކޮމިޓީއަށާއި މިނިވަން މުއައްސަސާތަކުގެ ކޮމީޓީއަށް ފޮނުވައިދިނުމަށް ވަނީ ބަޖެޓްގައި އެދިފަ އެވެ. އަދި މިހާރު ހަދަން ފަށާފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ނުހުއްޓާ ކުރިޔަށް ގެންދިޔުމަށާއި ލާމަރުކަޒީ ހިންގުން ހަރުދަނާ ކުރަން، ކައުންސިލްތައް ހިންގުމުގެ ބަޖެޓު ފިނޭންސް އިން ހަމަޖައްސައިދިނުމަށެވެ.

އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޕާފޯމަންސް އޮޑިޓެއް ހެދުމަށާއި ސަރުކަރު ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ކަމަށްވާ، ހިޔާ މަޝްރޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބްރިޖާއި އައިޖީއެމްއެޗް އިމާރާތުގެ މަޝްރޫއަށް ފައިނޭންސް ހޯދީ، ގާނޫނުތަކާ އެއްގޮތަށްތޯ ބަލައި އޮޑިޓެއް މާލިއްޔަތަށް ހުށަހެޅުމަށް ވެސް ފާސް ކުރި އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި ކަހާ ސާފު ކުރަން މިހާރު ދެނީ ވަރަށް ކުޑަ އަގަކަށް ވާތީ އެ އަގުތައް އަލުން ރިވިއުކޮށް ބޮޑު ކޮށްދިނުމަށާއި ކޮންޓެންޖަންސީ ބަޖެޓުގެ ތެރެއިން މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ހަމަޖެއްސުމަށް ވެސް ބަޖެޓް ރެކޮމެންޑޭޝަންގައި ހިމެނުމަށް ވަނީ ފާސްކޮށްފަ އެވެ.