ހަބަރު

މަހުލޫފްގެ ކާރު ޕާކްކުރާ ޒޯން އާންމުންނަށް ހަދިޔާކޮށްފި

ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފްގެ ކާރުކޮޅު ޕާކު ކުރަން އޭނާ ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހެދި ފުޅާޕާކިން ޒޯންގެ ސަބަބުން އާންމު އުޅަނދުތައް ޕާކް ކުރަން އުނދަގޫވެ، އާންމުންގެ ޝަކުވާ ޓްވިޓާގައި އޮއްސާލި އެވެ. އެއާ އެކު މަހުލޫފް އެ ޝަކުވާތައް ހެޔޮ ހިތުން ބަލައިގަތީ އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން އެވެ.

އަހްމަދު މަހުލޫފު ޓެގްކޮށް އާއްމު މީހަކު ޝަކުވާ ކުރަމުން ބުނީ، ލޮނުޒިޔާރަތް މަގު، ޖިލްބާބް ސެވަން ފިހާރަ ހުންނަ ސަރަހައްދަކީ ޕާކް ކުރަން އިންތިހާއަށް އުނދަގޫ ސަރަހައްދަކަށް ވެފައި ވަނިކޮށް މަހުލޫފްގެ ކާރު ޕާކް ކުރަން ހަމަ އެ ސަރަހައްދު ޕާކިން ޒޯންއިން ބޮޑު ބައެއް ހާއްސަކުރުމުން އާންމުންނަށް އުނދަގޫވަމުން އަންނަ ކަމަށެވެ. އަދި މަހުލޫފްގެ ކާރު ކޮންމެހެން ގޭ ދޮރުމަތީ ޕާކުކުރަން މަޖުބޫރުތޯ ވެސް ސުވާލު އުފެއްދި އެވެ.

ޝުކުރާ އެކު އެ ޝަކުވާ ރިޓްވީޓް ކުރައްވާ މަހުލޫފް ވިދާޅުވީ، އޭނާގެ ކާރު ޕާކް ކުރަން މިހާރު ހާއްސަކޮށްފައިވާ ތަން އާންމުންނަށް ހުޅުވާލަން ރަސްމީކޮށް ހައުސިން މިނިސްޓްރީގައި އެދޭނެ ކަމަށެވެ. މިނިސްޓަރު މަހުލޫފް މިހާރު ނިންމަވާފައި ވަނީ އޭނާގެ ކާރު ޕާކް ކުރަން އެހެން ތަނެއް ހޯއްދަވާށެވެ.

މިނިސްޓަރުގެ މި ނިންމުމަށް އަވަށްޓެރިންގެ ޝުކުރު އޭނާއަށް އަންނަނީ އޮހެމުން އެވެ.