ދުނިޔެ

އިސްލާމީ ޝަރީއަތުގެ މައްސަލައިގައި މެލޭޝިއާގެ އިދިކޮޅު އިއްތިހާދު ރޫޅިއްޖެ

Jun 18, 2015

އިސްލާމީ ޝަރީއަތް ގާއިމްކުރުމާ ގުޅޭ ގޮތުން އުފެދުނު މައްސަލަތަކެއް ހައްލު ނުކުރެވި، މެލޭޝިއާގެ އިދިކޮޅު ކޯލިޝަން ރޫޅިއްޖެ އެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރުގެ ނައިބު އަންވަރު އިބްރާހިމްގެ ޕާޓީ، ކީދިލާން ރަކުއަތު (ޕީކޭއާރު)ން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ޕާޓީގެ އިތުރުން އިދިކޮޅު ދެ ޕާޓީއެއް ހިމެނޭ ކޯލިޝަން މިހާރު "ރަސްމީކޮށް މަސައްކަތެއް ނުކުރެ" އެވެ.

އެންމެ ބޮޑު އިދިކޮޅު ތިން ޕާޓީ ގުޅިގެން އުފެއްދި ކޯލިޝަން، ޕީޕަލްސް އެލަޔަންސް (ޕީއޭ) ރޫޅުނީ އެ އިއްތިހާދުގައި ހިމެނުނު ޕޭން މެލޭޝިއަން އިސްލާމިކް ޕާޓީ (ޕީއޭއެސް) އިން އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުދޫދުގެ އުސޫލު ތަންފީޒުކުރަން މަސައްކަތް ފެށުމުންނެވެ. އެ ހުށަހެޅުމާ، އެ ކޯލިޝަންގައި ހިމެނުނު ލިބަރަލް ހިޔާލުގެ، ޑިމޮކްރެޓިކް އެކްޝަން ޕާޓީ (ޑީއޭޕީ)ން އައީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

އަންވަރު އިސްކޮށް ހުންނަވައިގެން އުފެއްދި ކޯލިޝަން ރޫޅިފައި މި ވަނީ އޭނާގެ މައްޗަށް ދަށު ކޯޓުގައި ސާބިތުވެފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ކަނޑައަޅައި، ޖަލަށްލީތާ މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.

އަންވަރުގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާއާ އެކު އުޅޭ ފިރިހެނަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ކުށެވެ. އަންވަރު އަދިވެސް އިންކާރު ކުރައްވާ މި އަމަލާ ގުޅިގެން ހުކުމް ކޮށްފައި ވަނީ ފަސް އަހަރަށް ޖަލަށް ލުމަށެވެ. ނަމަވެސް ފަހުން، ހައި ކޯޓުން ވަނީ 2012 ވަނަ އަހަރު އެ ހުކުމް ބާތިލްކޮށްފަ އެވެ. އެކަމަކު، އަނެއްކާ ވެސް މިދިޔަ އަހަރު އިސްތިއުނާފް ކޯޓުން ވަނީ މި ހުކުމް ބާތިލްކޮށް އަންވަރު ފަސް އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

މެލޭޝިއާގެ އެންމެ މަތީ ކޯޓު ކަމަށްވާ ފެޑެރަލް ކޯޓުން އިސްތިއުނާފް ކޯޓުގެ ހުކުމް ދެމެހެއްޓުމާ އެކު އަންވަރު ވަނީ މިދިޔަ ފެބްރުއަރީ މަހު އަލުން ޖަލަށް ވަޑައިގެންފަ އެވެ.

މެލޭޝިއާ އަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނީންސުރެ އެ ގައުމުގައި ވެރިކަންކުރާ ޔުނައިޓެޑް މެލޭސް ނެޝަލަން އޯގަނައިޒޭޝަން އަށް އޮތް އެންމެ ބޮޑު ބިރު ކަމަށް އަބަދު ވެސް ވެފައި ވަނީ އަންވަރެވެ. ވެރިކަންކުރާ ޕާޓީ އަށް އިންތިހާބުތަކުގައި ލިބޭ ތާއީދު ކުޑަވަމުން ދާއިރު، އަންވަރުގެ ޕާޓީ އަށް ދަނީ ތާއީދު އިތުުރުވަމުންނެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ޖަލުގައި ހުންނަވަން އަންވަރަށް ޖެހިފައި ވާއިރު، ބޮޑުވަޒީރު ކަމުގެ ނައިބު ކަމުން 1998 ވަނަ އަހަރު ވަކިކޮށްފައި ވަނީ ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތަކާ އެކުގަ އެވެ. އެ ފަހަރު މަގާމުން ވަކިކުރި، ފަހުން އަންވަރުގެ ގޭގައި އުޅޭ ޑްރައިވަރަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި ހަ އަހަރު ވަނީ ޖަލުގައި ހޭދަކުރައްވަން ޖެހިފަ އެވެ. މިނިވަން ވެފައި ވަނީ 2004 ވަނަ އަހަރު ކޯޓުން ހުކުމް ބާތިލް ކުރުމުންނެވެ.

މެލޭޝިއާގައި ދެން އާއްމު އިންތިހާބެއް ބާއްވާނީ 2018ގަ އެވެ. އެކަމަކު އެ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ހޯދިދާނެ ކާމިޔާބީއާ އެކު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.