ހަބަރު

މަޖިލީހުގެ އިއްތިފާގުން 30.2 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޮފީހުގެ ލަފާގެ މަތުން މިދިޔަ ސަރުކާރުން މަޖިލީހަށް ފުރަތަމަ ފޮނުވީ 29.6 ރުފިޔާގެ ބަޖެޓެކެވެ. އެއީ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް، 3.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ނަމަވެސް ދެ ހަފްތާއަށް ކުރިއަށް ގެންދިޔަ ބަޖެޓް ކޮމިޓީގެ ޖަލްސާތަކުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެސް، 600 މިލިއަނެއްހާ ރުފިޔާ ބަޖެޓްގެ ހަރަދުތަކުގެ ތެރެއަށް ވަނީ އިތުރުކޮށްފަ އެވެ. އެއާއެކު މިހާރުގެ ބަޖެޓު އަރަނީ 30.25 ބިލިއަން ރުފިޔާއަށެވެ.

ބަޖެޓާ މެދު ގޮތެއް ނިންމެވުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުން ބަޖެޓު ފާސްކުރި އެވެ.

ބަޖެޓް އިތުރުކުރި ބައެއް ދާއިރާތައް:

  • ފޮރިން މިނިސްޓްރީއަށް 25 މިލިއަން ރުފިޔާ
  • ފުރަތަމަ ޑިގްރީ ޕްރޮގްރާމަށް 100 މިލިއަން ރުފިޔާ
  • ކުރީގެ ރައީސުންގެ އިނާޔަތަށް އެއް މިލިއަން ރުފިޔާ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދެ މިލިއަން ރުފިޔާ
  • ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 35 މިލިއަން ރުފިޔާ
  • ޕީއެސްއައިޕީއަށް 452 މިލިއަން ރުފިޔާ

އޭގެ އިތުރުން އެހީގެ ގޮތުގައި ލިބޭނެ އަދަދު އިތުރުކޮށް އާމްދަނީއަށް އިތުރު 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ. މަޖިލީހުން އިސްލާހުކުރި ބަޖެޓްގައި މިހާރުވާ ގޮތުގައި ހިލޭ އެހީ ހިމަނައިގެން އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ، 23.3 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން މަޖިލީހަށް ބަޖެޓް ފޮނުވި އިރު އެ އަދަދު އޮތީ، 23 ބިލިއަން ރުފިޔާގަ އެވެ.

ހުރިހާ ދާއިރާއަކަށް މަޝްރޫއު, ގިނަ މެންބަރުން ހިތްހަމަޖެހިފައި!

ފިނޭންސް މިނިސްޓްރީ އިން އެކުލަވާލި ބަޖެޓު މަޖިލީހަށް ހުށަހެޅިގެން ދިޔަ އިރު ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއި އިދިކޮޅުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންގެ ގިނަ ކަންބޮޑުވުންތަކެއް ބަޖެޓާ މެދު އޮތެވެ. ބަޖެޓު އޮތް ގޮތުން އެއާ ހަވާލުވާނެ ފަރާތެއް ވެސް ނުވި އެވެ. ނަމަވެސް ކޮމިޓީއަށް ފޮނުވައިގެން ބަޖެޓަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކަށް އިތުރު ބަޖެޓު ދިނުމުގެ ގޮތުން ބޮޑު އަދަދެއް ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަނީ ހިމަނައިފަ އެވެ. އެގޮތުން އިދިކޮޅު މެންބަރުންގެ ދާއިރާތައް ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަށް މަޝްރޫއުތަކެއް ވަނީ ހިމަނާފަ އެވެ.

ބަޖެޓު ރިޕޯޓަށް ބަހުސް ކުރައްވަމުން އައްޑޫ ހިތަދޫއަށް ނިސްބަތްވާ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތައް ހިމަނާފައި ވަނީ ވަކި ފިކުރަކަށް ނުބަލާ ކަމަށާއި އެހެންކަމުން ވަރަށް ބޮޑަށް ތާއީދު ކުރެވޭ ކަމަށެވެ. އެގޮތުން ހިތަދޫ މަގު ހެދުުމަށް 24 މިލިއަން ކުރިން އޮތް ނަމަވެސް މިހާރު އިތުރު 10 މިލިއަން އިތުރުކޮށްފައިވާ ކަން ދީދީ ފާހަގަ ކުރެއްވި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ނުވާތީ އެދިގެން އެތަށް ކަމެއް މިހާރު ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ދާއިރާގެ ތިން ރަށަށް ވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރަން ހިމަނާފައިވާ ކަމަށާއި އޭގެ އިތުރުން މަކުނުދޫ އެއާޕާޓު ހެދުމުގެ މަސައްކަތް ދިރާސާ ކުރުމަށް ހިމަނާފައި އޮތުމުން ވެސް އުފާ ކުރާ ކަމަށެވެ.

"ވަރަށް އުފާ ކުރާ ކަމެއް މިއީ މަކުނުދޫއަށް އެއާޕޯޓުގެ ދިރާސާ ކުރުމަށް ބަޖެޓު ކުރުމުން، އަޅުގަނޑު ގަބޫލު ކުރަން އެ ރަށަށް އެއާޕޯޓު އެޅޭނެ ކަމަށް، ވަރަށް މުހިންމު މަކުނުދޫގައި އެއާޕޯޓު ގާއިމް ކުރަން، މި ފެށޭ ދިރާސާއާއެކު އެއާޕޯޓު ގާއިމް ކުރެވޭނެ ކަމަށް އުންމީދު ކުރަން،" އަނާރާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާ ހުސެއިން ޝަހުދީ ވިދާޅުވީ ބަޖެޓާ މެދު އޭނާ ފުރަތަމަ ވަރަށް ހިތް ހަމަ ނުޖެހިފައި ހުރި ކަމަށާއި އެ އޮތީ އުންމީދު ކުރި ވަރަށް ވުރެ ކުޑަކޮށް ކަމަށެވެ. ނަމަވެސް ރިޕޯޓު ލިބިގެން ދިޔަ އިރު އުފާވެރި އެތަށް ހަބަރުތައް ހުރި ކަމަށް ޝަހުދީ ވިދާޅުވި އެވެ. އެގޮތުން ހަނިމާދޫ ބަޖެޓަށް ގިރާ ސަރަހައްދު ރަގަނޅު ކުރުމާއި ބަނދަރުގެ މައްސަލަތައް ރަނގަޅު ކުރުމަށް އެދިފައިވާ ކަމަށާއި އެކަންކަން ހިމަނާފައިވާ ކަމަށް ޝަހުދީ ވިދާޅުވި އެވެ.

ނަމަވެސް ބަޖެޓަށް ބަހުސް ކުރެއްވި ޕީޕީއެމްގެ ބައެއް މެންބަރުން ވަނީ ބަޖެޓާ މެދު ހިތް ހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ސަރުކާރުން ބަޖެޓުން ފައިސާ ދޭ މިންވަރަށް ނުދޭތީ އާއި ބައެއް މަޝްރޫއުތަކަށް ފައިސާ ޖަހާފައި ނުވާތީ އެ މެންބަރުން ކަންބޮޑުވުން ފާޅުކޮށް ފާޑު ވިދާޅުވި އެވެ.

ބަޖެޓާއެކު 10 ރެކަމެންޑޭޝަނެއް

ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ފާސް ކުރި ފުރަތަމަ ރިކަމެންޑޭޝަނަކީ ބަޖެޓަކީ ކުރީގެ ސަރުކާރުން އެކުލަަވާލި ބަޖެޓަކަށް ވުމުން އާ ސަރުކާރުގެ އޮފީސްތަކަށް އައި ބަދަލުތަކާއި އެ އޮފީސްތަކަށް ބަޖެޓު ކަނޑައެޅި ގޮތް ބަޖެޓު ފާސް ކުރާތާ 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށެވެ. ދެވަނަ ކަމަކަށް އިންކަމް ޓެކްސް ތާރަފް ކުރުމެވެ.

މީގެ އިތުރުން ޑީޖޭއޭގެ ބަޖެޓު އިތުރުކޮށްދީފައިވާ އިރު މިހާރަށް ވުރެ ބާރު ސްޕީޑަށް މައްސަލަތައް ނިންމާ، ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު މާލިއްޔަތު ކޮމިޓީއަށާއި މިނިވަން މުއައްސަސާތަކުގެ ކޮމީޓީއަށް ފޮނުވައިދިނުމަށް ވަނީ ބަޖެޓްގައި އެދިފަ އެވެ. އަދި މިހާރު ހަދަން ފަށާފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ނުހުއްޓާ ކުރިޔަށް ގެންދިޔުމަށާއި ލާމަރުކަޒީ ހިންގުން ހަރުދަނާ ކުރަން، ކައުންސިލްތައް ހިންގުމުގެ ބަޖެޓު ފިނޭންސް އިން ހަމަޖައްސައިދިނުމަށެވެ.

އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޕާފޯމަންސް އޮޑިޓެއް ހެދުމަށާއި ސަރުކަރު ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ކަމަށްވާ، ހިޔާ މަޝްރޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބްރިޖާއި އައިޖީއެމްއެޗް އިމާރާތުގެ މަޝްރޫއަށް ފައިނޭންސް ހޯދީ، ގާނޫނުތަކާ އެއްގޮތަށްތޯ ބަލައި އޮޑިޓެއް މާލިއްޔަތަށް ހުށަހެޅުމަށް ވެސް ފާސް ކުރި އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި ކަހާ ސާފު ކުރަން މިހާރު ދެނީ ވަރަށް ކުޑަ އަގަކަށް ވާތީ އެ އަގުތައް އަލުން ރިވިއުކޮށް ބޮޑު ކޮށްދިނުމަށާއި ކޮންޓެންޖަންސީ ބަޖެޓުގެ ތެރެއިން މަދަނީ ޖަމިއްޔާތައް ކުރިއެރުވުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ހަމަޖެއްސުމަށް ވެސް ބަޖެޓް ރެކޮމެންޑޭޝަންގައި ހިމެނުމަށް ވަނީ ފާސްކޮށްފަ އެވެ.