ރިޕޯޓް

ޝިޔާމް، ހަމްދޫން، ބިޝާމް ވަކިނުކޮށްގެން ފާޑުކިޔުން

Nov 27, 2018
17

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެންމެ ގިނަ ބަޔަކު އުންމިދު ކުރީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނުން ބޭރުން ކަންކަން ހިންގި ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރި ގިނަ ފަރާތްތަކެއް މިއަދުވެސް ތިއްބެވީ ރައީސް ސޯލިހްގެ ސަރުކާރުގެ މަގާމްތަކުގައި އެވެ. އެކަމާ ގުޅިގެން އާންމުގެ ވަރަށް ގިނަ ޝަކުވާތައް ދަނީ އޮއްސަމުންނެވެ.

އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް، ހަމްދޫން ރަޝީދު ވަކިނުކޮށް އަދިވެސް އެ މުއައްސަސާތަކުގެ އިސްވެރިންނަށް ތިއްބެވީމަ އެވެ. އެދެބޭފުޅުން މަގާމުން ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކުރާ އިލްތިމާސްގެ އަޑު އިވޭ ވަރަށް އަންނަނީ އަޑުގަދަކޮށް ހިޔާލުފާޅު ކުރަމުން އެވެ.

ޖެނެރަލް ޝިޔާމަކީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހެއްދެވި އެއް ފަރާތެވެ. އެކަމާ ގުޅިގެން އޭނާއަށް ވަރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު، މިއަދުވެސް ރައީސް ސޯލިހްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭނާ ހުރުމުން އާންމުންގެ ކަންބޮޑުވުން އިތުރުވެ، އެމަގާމުން އޭނާ ދުރުކުރަން ދަނީ
ގޮވާލަމުންނެވެ.

އެގޮތުން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ޝިޔާމް ބޭރުނުކޮށް ބަހައްޓާ ކޮންމެ ދުވަހަކީ ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރަން ސަލާމަތީ ހިދުމަތްތަކުގައި ތިބޭ މީހުންނަށް ދެވޭ ދުވަހެއް ކަމަށެވެ. އަދި އެއީ އެފަދަ އަމަލުތައް މި ސަރުކާރުގައި ވެސް ހިންގުމަށް ލިބޭ ފެހި ސިގްނަލެއް ކަމަށް އަންނަނީ ބުނަމުން އެވެ.

އިތުރު މީހަކު ސުވާލު އުފެއްދީ ހަތަރު ލީޑަރުން ޝިޔާމް ބޭރުނުކޮށް ބަހައްޓަނީ ޖެހިލުންވާތީކަމަށް ބުނެ އެވެ. އަނެއް ބަޔަކު ބުނަނީ ހަތަރު ލީޑަރުންގެ ތެރެއިން ބައެއް ބޭފުޅުން ޝިޔާމް މަގާމުން ވަކިކުރަން ދެކޮޅު ހައްދަވައި އިބޫއަށް ޕްރެޝަރު ކުރަނީ ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއެކު ޝިޔާމް ހުންނެވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާއިރު، އެފޮޓޯތަކަށްވެސް އާންމުންގެ ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން އަމާޒުވެފައި ވެއެވެ. އެގޮތުން މިހާރު ޝިޔާމް އޯކޭ ވީތޯ އާއި ޝިޔާމްގެ މައްސަލައެއް ނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

އިތުރު ޓްވީޓެއްގައި ވަނީ، ޝިޔާމަކީ ރާއްޖޭގެ ދިފާއީ ބާރުގެ ޔުނީފޯމް އަޅުވާފައި ބަހައްޓަން ފިޓް މީހެއް ނޫން ކަމަށާއި ބޭރުކުރަންޖެހޭ ކަމަށެވެ.

ޝިޔާމަކީ އެންމެ ގިނަ އަދަދެއްގެ ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ އެއް ފަރާތެވެ. ޝިޔާމްގެ އިތުރުން ސީޕީ ހަމްދޫނަށްވެސް ވަނީ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެފަ އެވެ.

ހަމްދޫނަކީ މަގާމަށް ކުފޫ ހަމަވާ ފަރާތެއް ނޫން ކަމަށާއި އޭނާގެ ވަގުތުން ބޭރުކުރަންޖެހޭ ކަމަށްބުނެ ދަނީ ޓްވިޓާގައި
ގޮވާލަމުންނެވެ.

މީގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް، ޕީޖީ އައިޝަތު ބިޝާމްވެސް މަގާމުން ވަކިކުރުމަށް އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާތީ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން ބިޝާމް މަގާމުން ދުރުކުރުމަށް ވަގުތުން އިތުބާރުނެތް މައްސަލަ ހުށަހަޅަން ޖެހޭ ކަމަށް ގޮވާލަމުންދާއިރު، މީގެ ކުރިން ބިޝާމްގެ އިތުބާރުނެތް މައްސަލައެއް މަޖިލިސްއަށް ވެއްދި ނަމަވެސް ފަހުން ވަނީ އެމައްސަލަ އަނބުރާ ގެންގޮސްފަ އެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު އެންމެ ފުރަތަމަ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވި ގިނަ ފަރާތްތަކެއް ސަރުކާރުގައި ތިއްބެވުމުން ގިނަ ރައްޔިތުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެބޭފުޅުން މަގާމުން ވަކި ކުރުމާއި ގުޅޭ ގޮތުން ސަރުކާރުގެ އިސް ފަރާތެއްވެސް އަދި ކޯލިޝަންގެ އެއްވެސް ފަރާތަކުން ގޮވާލަމުން ނުދާތީ އާންމުންދަނީ ވަރަށް
ބޮޑަށް ކަންބުވުން ފާޅު ކުރަމުންނެވެ.