މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގެ މަގުތަކާއި މާލެ ތެރެ ބިރު ގަންނަ ހިސާބަށް

Aug 24, 2022
10

އަޅުގަޑުމެންގެ ކުޑަކުޑަ ރީތި މިގައުމަކީ ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ކުރިމަތީގައި ދުނިޔެ މަތީގެ ސުވަރުގެ އެވެ. ނަމަވެސް ދިވެހިންނަށް އެ މަންޒަރު އަދި އެފަދަ އިހްސާސެއް ކުރެވޭ ތަނެއް ނުފެނެ އެވެ. ވަކީން ހާއްސަކޮށް ވެރި ރަށް މާލެއިން އަމްދުން އެމަންޒަރެއް ނުފެނެ އެވެ.

މަގުމަތީގައި އެއްވެސް ހަމައެއް އުސޫލެއް ނެތެވެ. ސައިލެންސަރުގެ އަޑުން ކަންފަތް ފަޅާއިގެން ދާވަރުގެ ބިރުވެރި އާޑާއި، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކުން މަގުތައް ވަނީ މަރުގެ ދަންތުރައަކަށް ވެފަ އެވެ. މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭ ތަނެއްވެސް ނުފެނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެހިކަލްތައްވެސް ހަމަ އެފަދަ އެވެ. މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ހަވާލުވެ ތިބި މުއައްސަސާ ތަކުގެ ވެހިކަލްތައްވެސް ފުރޮޅާލާ، މުޑިއަރާ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. މަގުތައް ހަގީގަތުގައިވެސް ބިރުވެރި ނުރައްކާތެރި އަނދަވަޅަކަށް ވެއްޖެ އެވެ.

މާލޭގައި ދުއްވާ ވެހިކަލްތައް މިދަރަޖައަށް ދިޔައިރު މާލޭ މަގު މަތީގައި، ރޯމާ ދުވާލުގެ އަލިކަމުގެ ތެރޭގައި، ކަތިވަޅި އާއި މަސްވަޅި ހިފައިގެން ގްރޫޕް ހަދައިގެން މަރާމާރީ ހިންގަނީ އެވެ. މީހުންގެ ގޯތި ގެދޮރާއި އޮފީސް އިމާރާތްތަކަށް ވަދެ، ވަޅި އާއި ހަންޖަރު ޖަހަނީ އެވެ. އެކަމަކު ދައުލަތާއި ސަރުކާރާއި އަދި ކަމާ ގުޅޭ މުއައްސަސާތަކާއި ވެރިން ތިއްބެވީ ގަދަ ނިންޖަކުން ނިދާފަ ބާވައޭ ހީވާ ކަހަލަ އެވެ.

ފިހާރަތަކަށް ވަދެ ފައިސާ ނުދީ މުދާވެސް ގެންދަނީ އެވެ. ފައިސާ ދައްކަން ބުނީމަ އެކަން ބަދަލުކޮށްލަނީ ޒުވާބަކަށެވެ. ނުވަތަ ސޭޓުގެ ގައިގައި ޖަހާ މަރާމާރީ ހިންގަނީ އެވެ.

ވިޔަފާރިވެރިންވެސް ތިބީ ގޮތް ހުސްވެފަ އެވެ. ކުރަންވީ ކަމެއް ނޭގެ އެވެ. ގިނަ ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ވެސް ހުރެ އެވެ. ޒުވާބުކޮށް އައުގުރާނަ ގޮވާ، މާރާމާރީ ހިންގާ މަންޒަރުތައް ރިކޯޑް ކުރެވިފައި ވެސް ހުރެ އެވެ. އެކަމަކު އެ ހިފައިގެން ޕޮލިހަށް ގޮސް މައްސަލައެއް ޖައްސައިފިނަމަ ދެން ދޭ ގެއްލުން މާބޮޑެވެ. ގާނޫނުތައް ހުންނަ ގޮތުން ކަމަށް ބުނެ މައްސަލަ ހައްލުކުރަން ފުލުހުންނަށް ވެސް ދަތިވެ އެވެ. ސައްވީސް ގަޑިއިރު ނުވަނީސް މައްސަލާގައި ބަންދު ކުރާ މީހާ ހުންނަނީ ދުކޮށްލާފަ އެވެ. ދެން ނުކުމެ ތަޅާލަނީ ފިހާރައިގެ ބިއްލޫރިގަޑެވެ. އެއީ އެތައް ހާސްރުފިޔާގެ ގެއްލުމެކެވެ.

މަގުމަތީގައި ޕާކު ކޮށްފަ ހުންނަ ސައިކަލްތައް ވަގަށް ނުގެންދާނެ ކަމުގެ ޔަގީންކަމެއް ވެސް މިހާރު ނޯވެ އެވެ. ސައިކަލްގެ ތަޅު ހަލާކު ކޮށްލައިގެން ނުވަތަ ދެނަރު ޖައްސައިގެން އިންޖީނު ސްޓާޓް ކޮށްލެވިއްޖެ ނަމަ އަރައިގެން ނައްޓާލަން ވީއެވެ. ބައެއް ފަހަރު ހުޅުމާލެ އަށެވެ. އަނެއްބައި ފަހަރު ވިލިމާލެ ޓާމިނަލަށެވެ.

ސައިކަލުގެ ވެރި ފަރާތުން ދެލޯ ނިއްކުރިއަށް ލައިގެން އެތައް މިތަން ހޯދާއިރު، ބައެއް ފަހަރު ސައިކަލް ފެނިފައި ހުންނަނީ ބަނދަރުގައި އޮންނަ ކޮންމެވެސް އަތޮޅަކަށް ފުރަން ތައްޔާރުވެފަ އޮންނަ ބޯޓެއްގައި ބަހައްޓާފައި ހުއްޓަ އެވެ. ތަހުގީގުގައި ސުވާލުކުރާއިރު ބޯޓަށް ސައިކަލް އަރުވާ މީހަކު ވެސް ހޯދައި ނުދެވެ އެވެ. އެތަނަށް ސައިކަލް ގެންދިޔަ މީހެއް އަދި ބޯޓު ރަށަށް ދިއުމުން ސައިކަލާ ހަވާލުވާނެ މީހެއްވެސް ގިނަ ފަހަރަށް ނޭގޭނެ އެވެ. މީއީވެސް އަރަތެއް ކަހަލަ ކަމެކެވެ.

ދެން އޮތީ މަގުގައި ހިގާ މީހުންނަށް ހާއްސަ ތަނެވެ. ނުވަތަ ދުވާރެވެ. ރައްކާތެރިކޮށް ދާންވީ މަޒިލަށް ދިއުމަށް ހިނގާ މީހުނަށް ހާއްސަ ކުރެވިފައިވަނީ ދުވާރެވެ. ދުވާރު މަތިން ހިނގުމެކޭ މަގު މެދުގައި އޮޝޯވެ އޮތުމެކޭ އެއްފަދަ އެވެ. މުޅި މާލެ މިއޮތީ ކޮންކްރީޓް ހާއްޔަކަށް ބަދަލުކޮށްލާފަ އެވެ. މަގާ އިންވެފައި ހުންނަ އިމާރާތެއް ނިންމަށް މަސައްކަތް ކުރިއަށްދާ ނަމަ އެ އިމާރާތެއް ހުރަސްކޮށްފައި ދިއުމަކީ ބިރުވެރި ކަމެކެވެ. އިމާރާތް މަތިން ކޮންމެ ފަދަ އެއްޗެއްވެސް ވެއްޓިދާނެ އެވެ. ބައެއް ފަހަރު ހިލަ ބަސްތާއާއި، ސިމެންތި ބަސްތާ މަގުމައްޗަށް ވެއްޓިފައި އެބަހުއްޓެވެ. މަސައްކަތް ކުރަން ގެންގުޅޭ މަރުތޭލާއި ރާނަން ގެންގުޅޭ ކޮންކްރީޓް ގާ ވެސް މަގުމައްޗައް ވެއްޓިފައި އެބަހުއްޓެވެ.

ދުވާރު މަތިން ހިންގާފައިދާ މީހަކާ އެފަދަ ވަގުތަކާ ދިމާވެއްޖެނަމަ މީހާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ދިޔައީ އެވެ. އަދި ބައެއް ގޭގޭގެ ބެލްކަނީގައި ބަހައްޓާފައި ހުންނަ ގަސް މުށިގަޑާއި ބޭރަށް މަގަށްވާ ގޮތަށް ހަރުކޮށްފައި ހުންނަ ބިއްލޫރި ދޮރު ފަތްތަށް ލުހިގެން އައިސް އައްވަނަ ބުރިން، ނުވަތަ ނުވަ ވަނަ ބުރިން ބިންމައްޗަށް ވެއްޓިފައި ވެސް އެބަހުއްޓެވެ.

ނުރައްކާތެރި ހާދިސާތައް މާލޭގެ މަގުތަކުގައި ހިނގުމަކީ މިހާރު އާ ކަމެއް ނޫނެވެ. ހާދިސާއެއް ހިނގައިގެން މީހަކު މަރު ނުވަންޏާ އެއީ އެއްވެސް ބައެއްގެ ސަމާލުކަން ހުއްޓޭ ކަމަކަށް މިހާރަކު ނުވެ އެވެ. ކަމެއް ހިނގި ކަމަށް ވަނީ ވެއްޓޭ އެއްޗަކުން ޖެހި މީހެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި ދުވާރު މައްޗަށް ވެއްޓުނީމަ ހެއްޔެވެ. ނޫނީ މިފަދަ ހާދިސާއަކާ ގުޅިގެން މީހަކަށް އަނިޔާވެ އުމުރުގެ ބާކީ ދުވަސްތައް ބަލި އެނދުގައި މުޅި އުމުރަށް އޮންނަން ޖެހުމުން ހެއްޔެވެ. ހާލަތު ބުނެދެނީ މަގުމަތިން ވެސް މަރު ކަމަށެވެ. ދުވާރު މަތިންވެސް މަރު ކަމަށެވެ. ހާލަތު ބަދަލުކުރުމަށް ޒިންމާދާރު ކަމާ އެކު އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެ އެވެ.