ހަބަރު

ވެރިކަމަށް ކުރިމަތިލެވޭ އުމުރު މަތިކުރާ އިސްލާހު ކޮމިޓީއިން ފާސްކޮށްފި

މުރުން 65 އަހަރުގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އުވާލާ ކުރިން އޮތް ގޮތަށް ބަދަލު ކުރުމާ ބެހޭ ބިލު އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ހާއްސަ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ހުށަހެޅުއްވި އެ އިސްލާހު ދިރާސާ ކުރީ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. ގާތްގަނޑަކަށް 15 މިނެޓަށް ކުރިޔަށް ދިޔަ އެ ކޮމިޓީއިން ފާސް ކުރީ މަޖިލީހަށް ހުށަހެޅިފައި އޮތް ގޮތަށް އެ ބިލު ފާސް ކުރުމަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަަވަނީ އާރިފްގެ އިތުރުން ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ އާއި މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދުއާ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އަދި އިސްދޫ ހުސެއިން ރަޝީދު އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި ކުރިން ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް 2015 ވަނަ އަހަރުގައި އެމްޑީޕީ އަދި ޖޭޕީގެ ބައެއް މެންބަރުންގެ ތާއީދާއެކު 65 އަހަރުން މަތީ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރި އެވެ. ކުރިން އިންތިހާބުތަކުގައި ވާދަ ކުރެއްވި މިހާރުގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއަށް ވެރިކަމަށް އައުމުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ.

ނަމަވެސް އާރިފް ހުށަހެޅި އިސްލާހުގައި ވަނީ އަލުން ކުރިން އޮތް ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމެވެ. އެއީ އެންމެ މަތީ އުމުރެއް ކަނޑައަޅާފައި އޮތް ބައި އުނިކުރުމެވެ. އާރިފް ވިދާޅުވީ އޮތް ގޮތް ބަދަލު ކުރަން ނިންމީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ކަންކަމަށް ބަލާފައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ވެރިކަން ކުރެވޭނެ އެންމެ މަތީ އުމުރެއް ކަނޑައަޅާފައި ނޯންނަ ކަމަށް ދިރާސާތަކުން ދައްކާތީ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

އެ އިސްލާހުގެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރީ އަވަސް އަރުވާލައިގެން ކަމަށް ބުނެ ބައެއް އެމްޑީޕީ މެންބަރުން ކަންބޮޑުވުން ފާޅު ކުރި އެވެ. އާންމުކޮށް އަމަލު ކުރާ އުސޫލަކީ ބިލު ހުށަހެޅުމާއެކު އެކި ދުވަސްތަކުގެ މަތިން ތިން ކިޔުން އިއްވަން ޖެހެ އެވެ. ނަމަވެސް މިއަދު ފުރަތަމަ ކިޔުން އިއްވާ އެކަމަށް ބަހުސް ވެސް ކުރި އެވެ. އަދި ބަލައިގަތީ ވެސް މިއަދުން މިއަދަށެވެ.