ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް ވައްދައިފި އެވެ.
އެ މައްސަލަ މިފަހަރު ވެސް މަޖިލީހަށް ވެއްދީ ކުރިން ވެސް އެ މައްސަލަ ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ އަހުމަދެވެ. އޭނާ ވިދާޅުވީ ޕީޖީ ބިޝާމްގެ އިތުބާރުނެތް ކަމަށް ހުށަހަޅާ އިތުރު ސަބަބުތައް މިފަހަރުގައި މައްސަލައިގައި ހިމަނުއްވާފައި ވާނެ ކަމަށެވެ. އޭނާ އެ މައްސަލަ ކުރިން ގެންދެވީ ވެސް އިތުބާރު ނެތް ކަމަށް ހުށަހަޅާ އިތުރު ސަބަބުތައް ހިމަނުއްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.
މިފަހަރުގެ މައްސަލައިގައި ވެސް މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮތީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާއި އުފުލުނު ދައުވާތަކުގައި ޕީޖީގެ ބޮޑެތި އިހުމާލުތަކެއް ހުރުމާއި އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމުގެ ސަބަބުން އެބޭފުޅުންނަށާއި އާންމުންގެ ގާނޫނީ ހައްގުތަކުން މަހުރޫމްވެ އެތައް ބަޔަކުން ނުހައްގުން އަނިޔާ ލިބުމެވެ.
މައްސަލަ ހުށަހެޅުއްވި މައިގަނޑު ސަބަބުތައް:
1- ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ހައްޔަރުކުރިއިރު، އެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަމަކީ ކޮބައިތޯއާއި، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރައްވާފައިނުވުމާއި، ފުލުހުންގެ އިދާރާއިން އެދޭކޮންމެކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން އަމަލުކުރައްވާފައިވުން.
2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމާނުލައި ބަންދުކޮށްފައި ބެހެއްޓިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތާ ހިލާފުކަމެއްކަމަށްވާއިރުވެސް، އެކަން ބައްލަވައި، އެ އިޖުރާއަތަށް އަމަލުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އެ ހިނދުން އެހިނދަށް އަންގަވާފައިނުވުމުގެ އިތުރަށް، އެ މެންބަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާއިރު، އެކަން ރަނގަޅުކުރެއްވުމަށް އެއްވެސް މަސައްކަތެއް ގާނޫނީމަގުން ނުވަތަ ޝަރުއީމަގުން ނަމަވެސް ކުރައްވާފައިނުވުން.
3. ޖިނާއީ ކުށްކުށުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ހުއްޓުވާފައިނުވުމާއި، އެކަމުން މަނާވެގެންފައިނުވުން.
4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ހިނގަމުންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި ގާނޫނާއެއްގޮތަށް އެކަންކުރުމަށް ބާރުއަޅުއްވާފައިނުވުން.
5. ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް އޭނާގެ ޙާޟިރުގައި ޝަރީއަތްކުރެވުމުގެ ހައްޤު ލިބިދީފައިވާއިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް ޣައިރު ޙާޟިރުގައި ހުކުމް ކުރެވިގެންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި އެކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިނުވުން.
މީގެ އިތުރުން މިފަހަރުގެ މައްސަލައިގައި އަލަށް ބުނެފައި ވަނީ ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން އެތަށް ރައްޔިތުންނެއްގެ މިނިވަންކަން ނިގުޅައިގެންފައިވާ އިރު، އެކަމުގައި ޕީޖީ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އެކަން ދިފާއުކުރުމާއި، މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުވާން ޝަރުތުކޮށް، އެ މެމްބަރުގެ އަނބިމީހާ ފުލުހުންގެ އިދާރާގައި ރަހީނު ކުރި މައްސަލައިގައި އެއްވެސް އެއްޗެއް ޕީޖީ ވިދާޅުވެފައިނުވާކަންވެސް އެމައްސަލާގައި ވަނީ ފާހަގަކޮށްފަ އެވެ.
އެމައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވަނީ، ސިޔާސީ ސަބަބުތަކަށް ފުލުހުންގެ ބަންދަށް ގެންދިޔަ ފަރާތްތަކަށް ލިބެންޖެހޭ އިނާޔަތްތައް ނުދިނުމާއި، ބަންދުކޮށްފައިތިބޭ ތަންތަނުގެ ހާލަތާއިމެދު ހުށަހެޅުނު ޝަކުވާތަށް ބަލާފައި ނުވުމެވެ.
"ހަމަ އެކަނި ސިޔާސީ ބޭނުމަށްޓަކައި އެކި ފަރާތްތަކުގެ މައްޗަށް އުފުލި ދައުވާތަކުގެ ސަބަބުން ޖަލަށްދާން ނުޖެހޭ ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބެންޖެހުފައި ވަނީ ޕީޖީގެ އިހުމާލުވުން އޮވެގެން އެވެ،" މައްސަލައިގައިވެ އެވެ. "ރިޔާސީ އިންތިހާބުގެ ފަހުން، ޕީޖީގެ އިސްނެންގެވުމުގެ މަތިން ބައެއް މީހުން މިނިވަންކުރުމާއި، ދައުވާތަށް އަނބުރާ ގެންދިއުންފަދަ ކަންކަން ކޮށްފައިވުމުން، އެ ދައުވާތަކަކީ އޭގެ ޒާތުގައިވެސް ގާނޫނީ ހުއްޖަތެއްނެތް، ހަމަ އެކަނި ސިޔާސީ ސަބަބުތަކަށްޓަކައި އުފުލި ދައުވާތަކަކާއި ކުރި ތުހުމަތުތަކެއްކަން އިނގެ އެވެ."