އަންނަ މަހު ފަހަކާ ހަމަޔަށް މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިރޭ ކުރިޔަށްދާ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ގާސިމް ވިދާޅުވީ މިހާރު ހިނގަމުން މިދާ މަޖިލީހުގެ ތިން ވަނަ ދައުރު އޮންނާނީ މި މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް ސަރުކާރު ފަރާތުން މުހިންމު މަސައްކަތްތަކެއް ހުށަހަޅާފައިވާތީ އެ މަސައްކަތްތައް ނިންމަން ދައުރު ދަންމާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަތަރު ލީޑަރުންގެ މަޝްވަރާއެކުއެ ތިން ވަނަ ދައުރުގެ މުއައްދަތު ޑިސެމްބަރު 5 އާ ހަމަޔަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި އެެއަށް ވޯޓަށް މިރޭ އަހާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެކަމަށް މިރޭ ވޯޓަށް އެހުމުން ދައުރު ދިގު ދަންމަން ވޯޓުގައި ބައިވެރިވި 70 މެންބަރުން ވޯޓު ދެއްވި އެވެ. ނަމަވެސް އެގޮތަށް ހަދަން ނުފެންނަ ކަމަށް ވެސް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން ތިން ވަނަ ދައުރު ފަށަނީ އޮގަސްޓު މަހު 27 ގަ އެވެ. ނަމަވެސް ޕީޕީއެމްގެ އަތުގައި މެޖޯރިޓީ އޮތް އިރު މަޖިލީހުގެ ޖަލްސާތައް އޮތީ ނުފަށާ ހިފަހައްޓާފަ އެވެ. ނަމަވެސް ޕީޕީއެމްގެ ގިނަ މެންބަރުންތަކެއްގެ ސޮޔާއެކު މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި ފަހުން މެޖޯރިޓީ އިދިކޮޅަށް ލިބި ޖަލްސާތައް ފެށި އެވެ. ނަމަވެސް އޭރު އޮތީ ތިން ވަނަ ދައުރުގެ މެދެއް ހާ ހިސާބަށް ގޮސްފަ އެވެ.
ޖަލްސާތައް އަލުން ފެށުނު ފަހުން ގިނަ ބިލުތަކެއް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން އާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނަށް ގެންނަން ނިންމާފައިވާ ބައެއް ބަދަލުތައް ވެސް ވަނީ ހުށަޅާފަ އެވެ.