ދުނިޔެ

ރޭޕުކޮށްފައިވާ ފިރިހެނުންނަށް ހާއްސަ ކްލިނިކެއް ސްވިޑަންގައި ހުޅުވަނީ

Jun 19, 2015

ރޭޕުގެ ޝިކާރަ އަކަށް ވާ ފިރިހެނުންނަށް ހާއްސަ ކްލިނިކެއް ފުރަތަމަ ފަހަރަށް ސްވިޑަންގައި ހުޅުވަން އެ ގައުމުގެ ހޮސްޕިޓަލަކުން ނިންމައިފި އެވެ.

ސައުތު ޖެނެރަލް ހޮސްޕިޓަލްގެ ޑރ. ލޮއްޓި ހެލްސްޓްރޮމް އިއްޔެ ވިދާޅުވި ގޮތުގައި އަންނަ އޮކްޓޯބަރުން ފެށިގެން ފިރިހެނުންނާއި ކުޑަ ފިރިހެން ކުދިންނަށް ވެސް ފަރުވާ ދޭން ފަށާނެ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ރޭޕުގެ ޝިކާރަ އަކަށް ފިރިހެނުން ނުވާ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނަސް، އެއީ ހީކުރާ ވަރަށް ވުރެ އާއްމު ކަމަކަށް ވާތީ އެވެ.

"އެފަދަ ފިރިހެނުންނަށް ވެސް އިމަޖެންސީ އެހީތެރިކަމާއި ފަރުވާ ދިނުން ވަރަށް މުހިއްމު،" ޑރ. ހެލްސްޓްރޮމް ވިދާޅުވި އެވެ.

ސައުތު ޖެނެރަލް ހޮސްޕިޓަލުން މިހާރު ވެސް ރޭޕުގެ ޝިކާރަ އަކަށް ވާ އަންހެނުންނާއި ކުޑަ އަންހެން ކުދިންނަށް ހާއްސަ 24 ގަޑިއިރުގެ ކްލިނިކެއް ހިންްގަ އެވެ. އެ ކްލިނިކްގެ ހިދުމަތް ހޯދާ މީހުންނަށް ޑޮކްޓަރުންނާއި ފޫޅުމައިންނާއި ސައިކޮލޮޖިސްޓުންގެ އެހީތެރިކަން ލިބެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ސްްވިޑަންގެ 370 ފިރިހެނަކު މިދިޔަ އަހަރު ޖިންސީ ޝިކާރަ އަކަށް ވެފައިވެ އެވެ.