ހަބަރު

މިއަދާއި މާދަމާ މޫސުން ގޯސްވާނެ: މެޓް

މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސް ވާނެ ކަމަށާއި މޫސުން އެންމެ ގޯސްވާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސްމޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަަށް އިރާއި އިރުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މާލޭގެ ބައެއް މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.