ހަބަރު

މިނިވަން ކަމަށް ބުރޫ އަރާ ފަދަ ކަމެއް ނުކުރާނަން: ފޮރިން

Nov 30, 2018
12

ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ފަދަ އެއްވެސް ނިންމުމެއް އަދި މަސައްކަތެއް ވެސް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން އިއްޔެ ހަބަރުފެތުރި ގޮތުގައި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ބައިތިއްބާ ގޮތަށް ދިވެހި ސަރުކާރުން އެއްބަސްވާ ނަމަ ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދޭން އިންޑިއާއިން ވަނީ ހުށަހަޅައިފައި ކަމަށެވެ. އެކަން ފޮރިން މިނިސްޓްރީން ދޮގުކުރެ އެވެ.

އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ލިބޭ މާލީ ނުވަތަ އެހެނިހެން މާއްދީ ފައިދާއެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަށް، ދިވެހި ސަރުކާރުން ހުއްދަ ދިނުމަށް ރާވަމުންދާ ކަމަށް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"އެއީ ދިވެހިރާއްޖެއާއި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައާއެކު އޮންނަ ގުޅުން އަލުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ފަތުރަމުންދާ އަސްލެއް ނެތް ވާހަކަތަކެއް،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެންނެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާނެ ފަދަ އެއްވެސް ބައިނަލްއަގްވާމީ ނިންމުމެއް، ނުވަތަ މަސައްކަތެއް ނުކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ބުންޏެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެކަމާ ގުޅިގެން މިއަދު ޓްވީޓް ކުރައްވާފައިވެ އެވެ. ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެހީތެރިކަން ހޯދާނީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރުލެއް ނާރާނެ ގޮތެއްގެ މަތިން ކަމަށެވެ. އަދި އެފަދަ އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ރާއްޖެއާ އެކު ނުހެދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ރާއްޖޭގައި އެއްވެސް ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދަން ފުރުސަތެއް ނުދޭނަން. އެފަދަ އެއްބަސްވުމެއް އެއްވެސް ގައުމަކަށް ނުކުރެވޭނެ،" ތުހުމަތުތަކަށް ވަރަށް ސީދަލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ޝާހިދު ޓްވީޓް ކުރެއްވި އެވެ.