އަވަސް ހުކުރު

އަފްރާޝިމްގެ މަރުގެ މައުލޫމާތު މަރުތައް ބަލާ ކޮމިޝަންގައި ހާމަކުރާނަން: ރިޔާޒް

Nov 30, 2018
16

މަޝްހޫރު އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި "ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލާ ކޮމިޝަން" އަށް ކިޔާ ދޭން ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އަނިޔާވެރި ގޮތަކަށް އަފްރާޝިމް މަރާލި އިރު ފުލުހުންގެ ކޮމިޝަނަރު ކަމުގައި ހުންނެވީ މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ. އޭރު އަފްރާޝިމް މަރާ ގުޅިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވަނީ އެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ނަމަވެސް އެ މަގާމުން ވަކިވުމަށް ފަހު ރިޔާޒް ވަަނީ އަފްރާޝިމް މަރާ ގުޅޭ ވާހަކަތައް ރަނގަޅު ޕްލެޓު ފޯމެއްގައި ކިޔާ ދޭނެ ކަމަށެވެ. އޭގެ ފަހުން އެތަށް އަހަރެއްވީ އިރު ވެސް އެ ވާހަކަތައް ރިޔާޒް ކިޔާ ނުދެއްވަ އެވެ.

"އަވަސް ހުކުރު" ޕްރޮގްރާމަށް ރިޔާޒް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީއަށް ލިބިފައިވާ މައުލޫމާތުތަކަކީ ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އިރު ލިބުނު މައުލޫމާތުތައް ކަމަށާއި އެ މައުލޫމާތުތައް ފުލުހުންގެ މުއައްސަސާގައި ވެސް ހުންނާނެ ކަމަށެވެ. ރައީސް ޔަމީންގެ ފަސް އަހަރު ނިމިގެން ދިޔަ އިރު އެއިން އެއްވެސް މައުލޫމާތެއް ނޭނގި ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރި ކަން ގަބޫލު ކުރައްވާ ކަމަށް ރިޔާޒް
ވިދާޅުވި އެވެ.

ނަމަވެސް ފުލުހުންގެ ރަސްމީ މަސައްކަތެއްގައި ހުންނަވަނިކޮށް ލިބުނު މައުލޫމާތުތައް މީޑިއާއެއްގައި ހާމަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި ހުރިހާ ދުވަހު އެ ވާހަކަތައް ކިޔާ ނުދީ ހުރީ އެހެންވެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ނަމަވެސް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނެއް މިހާރު އޮތް އިރު އެ ކޮމިޝަނުން ސުވާލުކޮށްފި ނަމަ އެ ފަރާތްތަކަށް ހުރިހާ މައުލޫމާތެއް ކިޔާ ދިނުމަށް ތައްޔާރަށް ހުރި ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެފަދަ ކޮމިޝަނެއް ރައިސުލްޖުމްހޫރިއްޔާ އުފެއްދީ އެއީ ސިސްޓަމްގެ ތެރޭގައި މިހާރު ހުރި މުއައްސަސާތައް އޭގައި އިހުމާލުވެފައި އޮތް ކަމަށް ގަބޫލު ކުރެވޭތީ މިނިވަންކަންމާއެކު އެކަންކަން ބަލަން، އަދި ރައްޔިތުންނަށް އޭގެ އިތުބާރު އުފެއްދުމަށްޓަކައި،" ރިޔާޒް ވިދާޅުވި އެވެ. "އެ ބޭފުޅުން އަޅުގަނޑުގެ ފަރާތުން ސާފު ކުރަން ކަމެއް އޮތީއާ އަޅުގަނޑު މިހުރީ ތައްޔާރަށް ވަރަށް އުފަލާއެކު ދާން، ހަމައެކަނި އެ އެކަންޏެއް ނޫން، މަޖިލީހުގެ ކޮމިޓީއަކުން އެކަންކަން ބަލާ ކަމަށްވަންޏާ އަޅުގަނޑަށް އޭރު ލިބިފައި ހުރި މައުލޫމާތުތައް ހޯދަން ބޭނުމިއްޔާ ވެސް ތައްޔާރު،"

ރިޔާޒް ވިދާޅުވީ އޭނާ ޕޮލިސް ކޮމިޝަނަރު ކަމުން ރިޓަޔާ ކުރެއްވި އިރު އަފްރާޝިމް މަރާލުމަށް ފަނޑު ކުރި ފަރާތްތަކާ ބެހޭ ގޮތުން ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗައް ތަހުގީގުތައް ދިޔައީ ހިންގަމުން ކަމަށެވެ. ނަމަވެސް އޭރު އެ މައްސަލަތައް އެއްކޮށް ނުނިމޭ ކަމަށާއި އިތުރަށް ބަލަން ޖެހޭ ކަމަށް އޭރު ގަބޫލު ކުރެވުނު ކަމަށް ރިޔާޒް ވިދާޅުވި އެވެ.