ހަބަރު

އެމްޑީޕީ މިނިސްޓަރުން ބާރު އަޅުއްވަނީ ކޯލިޝަން ދަމަހައްޓަން

ރިޔާސީ އިންތިހާބު ކާމިޔާބުކުރި، ހަތަރު ޕާޓީގެ ކޯލިޝަން ދަމަހައްޓަން އަދިވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ ބައިވެރިވެވަޑައިގަތް އެ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުން ވިދާޅުވެއްޖެ އެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީއަށް 35 ދާއިރާ ލިބޭ ގޮތަށް އެންމެ ކުރިން ވެސް ވާހަކަ ދެކެވެން ފެށުމުން އެއީ އެމްޑީޕީއަށް ހައްގުވާ މިންވަރެއް ނޫން ކަމަށް ބުނެ އޭނާ އެކަމާ ދެކޮޅަށް ވަކާލާތު ކުރެއްވި ކަމަށެވެ. އެގޮތަށް ހަދައިފި ނަމަ މަޖިލިސް އިންތިހާބާ ހަމަޔަށް ދިޔުމުގެ ކުރިން ޕާޓީތައް ކޯޅިގަންނާނެ ކަމަށް ފާހަގަކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން އައިސް މިތިބަ ހިސާބަކީ ކަދުރު ރުކަށް އެރި މީހާގެ ނަދުރަށް ގޮސް ހުސްވެފައި، އެރިއްޖެ، ދޮންވެފައި ހުރި ކަދުރުތަކުގައި އަތް ލެވިއްޖެ އެކަމަކު ފޭބޭނެ ގޮތެއް ނެތް، ނަދުރު ބުނި އިރު އެ ވާހަކަ ބުނާކަށް ހަނދާނެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ގައުމީ މަޖިލީހުގައި މިރޭ ހުށަހެޅުނީ މުޅި ކޯލިޝަނާއެކު ކޮށްފައިވާ މަޝްވަރާއެއް ނޫން ކަމަށާއި އެއީ ޖުމްހޫރީ ޕާޓީއާއެކު އެކަނި ކުރެވުނު މަޝްވަރާއެއް ކަމަށެވެ. ނަދުރު ބުނެފައި އޮތީ ކޯލިޝަނާއެކު ކުރިޔަށް ދިޔުމަށް ކަމަށާއި ނަމަވެސް އެކަން ނުވާނަމަ ޕާޓީގެ އެންމެ މަތީ މަސްލަހަތު ކުރިޔަށް ނެރެން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެއާއެކު ކޯލިޝަން ވެސް ހިފަހައްޓަން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެމްޑީޕީ ކުރިމަތި ނުލާނެ ދާއިރާއެއް ނެތް ކަމަށާއި އެކަން ގުރުބާން ކުރާކަށް އެމްޑީޕީގެ މެންބަރުންނަށް ނުކެރޭ ކަމަށެވެ. އެއްބަސްވުމެއްވެފައި އޮތްތޯ ނުވަތަ ނޫންތޯ ސާފުކޮށްލަން ބޭނުންވާ ކަމަށާއި ވައުދެއް ވެފައި އޮތް ކަމަށްވާނަމަ އެ ފުއްދުމަކީ މުހިންމު ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން އަލުން މިކަން ބަލާ އެއްވެސް ގޮތަކުން އިތުރު ފުރުސަތެއް އެބައޮތްތޯ އިއްތިހާދާއެކު ކުރިޔަށްދެވޭނެ އަދިވެސް ބަަލަން، މިހާރު ހުށަހެޅިފައި އޮތް ހުށަހެޅުމުގެ އަދަދުތަކަކީ އަޅުގަނޑަށް ހީވަނީ ފުދޭވަރެއްގެ އިންސާފުވެރި އަދަދުތަކެއް، އަޅުގަނޑުމެން ވެސް ބަޔަކާއެކު ދާ ކަމަށްވަންޏާ ކޮންމެވެސް އެއްޗެއް ދޫކޮށްލަން އެބަޖެހޭ، ނުދާ ކަމަށްވަންޏާ ހުރިހާތާކަށް ކުރިމަތިލާންވީ،" ފައްޔާޒް ވިދާޅުވި އެވެ.

ކޯލިޝަން އޮތުމަކީ މުހިންމު ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން އަދިވެސް މުރާޖާ ކުރައްވާ ކުރިޔަށް ދެވޭތޯ މަސައްކަތް ކުރެއްވުމަށް އެދޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް ނުވާ ކަމަށް ވަނީ ނަމަ 87 ދާއިރާއަށް ކުރިމަތިލާން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މި ސަރުކާރު ގެނައި ރައްޔިތުން ފޮނި އުންމީދެއްގައި ކަމަށާއި އަލުން މަގުމަތީގަ ތިބެން އެދެން އަލުން ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށެވެ. އެހެންކަމުން އެދެނީ އަދިވެސް ކޯލިޝަންއާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުން ކަމަށާއި އެ ނޫން ކަމަށްވާނަމަ ހުރިހާ ޕާޓީތަކެއް 87 ދާއިރާއަށް ވާދަ ކުރާ ގޮތަށް އެއްބަސްވެގެން މަޖިލީސް އިންތިހާބަށް ނުކުތުމަށް އެދޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމީ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެެވެ. ނަމަވެސް އެއީ އެމްޑީޕީ އިން ކޯލިޝަނާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ނިންމެވި ނިންމެވުމެކެވެ. ނަމަވެސް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ.